ވިޔަފާރި

ރޯދަމަހަށްފަހު "ހަފްތާރެސް" އަނެއްކާވެސް ފަށަނީ


ކޮންމެ ހަފްތާ ބަންދެއްގައި ސަރުކާރުން ބާއްވަމުންދިޔަ "ހަފްތާރެސް" ވީކް-އެންޑް މާކެޓް މިމަހު 5 ގައި އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނީ ހަފްތާރެސް ހަރަކާތް ރަމަޟާންމަހަށް މެދުކަނޑާލުމަށްފަހު، އަންނަ ހުކުރު ދުވަހު އަލުން ފަށާނެކަމަށެވެ.

ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކް-އެންޑް މާކެޓެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން ބާއްވަމުންދާ ހަރަކާތެކެވެ. ހަފްތާރެސްގެ މަޤްޞަދަކީ ބުރަކޮށް މަސައްކަތްކުރުމަށްފަހު، ހަފްތާ ބަންދުގައި ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އެގޮތުން މި ހަރަކާތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުއެވެ.

މި ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި، މުދާ ވިއްކާ ސްޓޯލްތަކާއި މުނިފޫނިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ. މި މާކެޓްގައި ސްޓޯލްތައް ދޫކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކަނބަލުންނަށާއި އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަ ޒުވާނުންނަށް އިސްކަންދީގެންނެވެ.