ކ.އަތޮޅު މަދަރުސާގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 4 ބުރި ޢިމާރާތާއި މަލްޓި ޕާރޕަސް ހޯލް އިމާރާތް ޢިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.
ޕީއެސްއައިޕީގެ ދަށުން ޙަވާލުކުރި މިމަޝްރޫޢަކީ ދެ ދަންފަޅިއަށް ކިޔަވައިދެމުން އަންނަ ކ.އަތޮޅު މަދަރުސާގެ ކިޔެވުން، އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ޙަވާލުކުރީ ޑަބްލިއު އެންޑް އޭ އޯވާސީސް ޕްރައިވެޓް ލިމިޓެޑާއިއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މިމަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 35 މިލިއަން ރުފިޔާއަށެވެ.
މި ޕްރޮޖެކްޓްގައި 16 ކްލާސްރޫމާއި މަލްޓިޕާރޕޯސް ހޯލަކާއި ދެ ޗޭންޖިންރޫމް އަދި 25 ދަރިވަރުންގެ ފާޚާނާއެއް ހިމެނެއެވެ. އަދި މި ސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ބޭނުންވާ ކަންކަމާއެކު ފަރުމާ ކުރެވިފައިވާ ސްކޫލެއްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކ.އަތޮޅު މަދަރުސާގެ 4 ބުރީގެ ޢިމާރާތުގެ މަޝްރޫޢަކީ ތަޢުލީމީ ދާއިރާއަށް ޚާއްސަކޮށްގެން މިއަހަރު ފަށާ ޕީއެސްއައިޕީގެ ފުރަތަމަ މަޝްރޫޢެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޕީ.އެސް.އައި.ޕީގެ ތެރެއިން ތަޢުލީމީ ދާއިރާއަށް ޚާއްސަކޮށްގެން 20 މަޝްރޫޢެއް ކުރިއަށްގެންދާނެކަމަށެވެ. އަދި އެމަޝްރޫޢުތަކަށް 156 މިލިއަން ރުފިޔާ ޙަރަދުވާނޭކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރެއެވެ.