ޚަބަރު

ސައްޓު ޖެހި ލަނޑުން ޓީސީ ބަލިނުވެ ސަލާމަތްވެއްޖެ


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސްއާއި ޓީސީ ސްޕޯޓްސް ބައްދަލުކުރި މެޗު ނިމެންދަނިކޮށް އިޝާން އިބްރާހީމް (ސައްޓު) ޖެހި ލަނޑުން ޓީސީ ބަލިނުވެ ސަލާމަތްވެއްޖެއެވެ.

މި މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން އެއްވަރުވެގެންނެވެ. ސީޒަނުގެ ފުރަތަމަ މޮޅު ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ގްރީން ސްޓްރީޓްސް ކޮޅަށް ޓީސީން ދެ ލަނޑުވެސް ޖެހީ ފަހަތުން އަރައެވެ.

ރޭގެ މެޗު އެއްވަރުވުމުން ޓީސީވަނީ ހަތަރު މެޗުން ލިބުނު 8 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައަށް ޖެހިލާފައެވެ. ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓް ހޯދާފައިވާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ގިނަ ޙަމަލާތައް އުފެއްދީ ގްރީން ސްޓްރީޓްސްއިންނެވެ. ފުރަތަމަ ހާފުގައި ޓީސީގެ އެންމެ ނުރައްކާތެރި ޙަމަލާ މެޗުގެ 29 ވަނަ މިނެޓުގައި ފޮނުވާލީ އިސްމާއީލް އީސަ އެވެ.

ދެވަނަ ހާފުގެ ދެ ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިންވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާފަ އެވެ. މި ލަނޑު ގްރީން ސްޓްރީޓްސްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ގްރީން ސްޓްރީޓްސްއިން މެޗުގައި ލީޑު ފުޅާކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ފޯވާޑް އަބްދުﷲ ޔާމީން ޖަހައިދިން ހިތްގައިމު ލަނޑުން ނެވެ. ދެ ލަނޑުގެ ލީޑެއް ގްރީން ސްޓްރީޓްސްއިން ނެގުމުން ޓީސީންވަނީ ކުރިއަށް ޖެހި ގޯލެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ.

އެގޮތުން ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޓީސީގެ އިސްމާއިލް އީސަ ވަނީ ފަރަގު ކުޑަކޮށްފަ އެވެ. ޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އިޝާން އިބްރާހިމް ޖެހި ލަނޑުން ނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ފަހު ވަގުތު އެއްވަރުވުމަކީ ވަރަށް ދެރަކޮށް ދިޔަކަމެއްކަމަށާއި ނަމަވެސް ޓީސީއަކީވެސް ރަނގަޅު ޓީމެއްކަން ވިސްނަންޖެހޭކަމަށެވެ. އަދި ޓީސީއަށް ޕެނަލްޓީ ލިބުނު ފަހުން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުވެގެން ދިޔަކަން ސުޒޭން ފާހަގަކުރި އެވެ.

"ކޮންމެއިރެއްގައި ހަދާ ކޮންމެ މިސްޓޭކެއްގެ ކޮސްޓް ހަމަ ހައިވާނެ. އެހެންވީމަ އެގޮތުން ފްރީކިކް ތަންކޮޅެއް އަވަހަށް ފަށާލެވުނީކަމަށް ޤަބޫލުކުރެވެނީ. ދޭއް ސުމެއްވީ ހިސާބުން ކުރީގައި ވަރަށް ލޫސްކޮށް ކުޅެން ލިބުންއިރު އޭގެ އެޑްވާންޓޭޖް ނުނެގުން މީގަ އެންމެބޮޑަށް ދިމާވި އެއްކަމަކީ" މެޗަށްފަހު ސުޒޭން ބުންޏެވެ.

މެޗުން ޕޮއިންޓެއް ހޯދުމަށްފަހު ޓީސީގެ ކޯޗު މުހައްމަދު އާތިފް ބުނީ ދެ ޓީމުންވެސް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި މިއީ ފެންވަރު ރަނގަޅު މެޗެއްކަމަށެވެ. ކޯޗު ބުނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިވެފައިކަމަށެވެ. އެގޮތުން 26 ދުވަހުގެ ތެރޭގައި 7 ވަނަ މެޗު ޓީސީން ކުޅޭއިރު، އެހެން ޓީމްތައް ކުޅެނީ 4 ވަނަ މެޗުކަމަށް އެނާ ފާހަގަކުރިއެވެ.

ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެދުވަހު ހަވީރު މާޒިޔާ އާއި ޓިސީ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެއެވެ. ހުކުރު ދުވަހުގެ ހަވީރު ށ.ފޯކައިދޫ ފުޓްބޯލް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ނިލަންދޫ ސްޕޯޓްސް ކްލަބް ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށެވެ.