ޚަބަރު

ކުރިއަށް އޮތް ދެ އަހަރުވެސް ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް


ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިތުރު ދެއަހަރަށް ސޮއިކޮށްފި އެވެ. މީގެކުރިންވެސް ޤައުމީ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރަކީ ބީއެމްއެލް އެވެ.

މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި ސްޕޮންސަރޝިޕް އައު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ޢަދީލް ޖަލީލް އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ދެ އަހަރު ފިރިހެން ސީނިއަރ ގައުމީ ޓީމާ، އަންހެން ސީނިއަރ ޓީމުގެ އިތުރުން ޒުވާން ޓީމުތަކުގެވެސް ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެންދާނެ އެވެ. އެގޮތުން ޤައުމީ ޓީމުތަކުން ކުޅޭ މެޗްތަކުގައާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިން ހިމެނިގެންދާނެ އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނުޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް އެވެ.