ސިއްހަތު

"އިސް ރަށްވެހިންނާއެކު" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފި


"އިސް ރަށްވެހިންނާއެކު" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ޖަލްސާގައި މިޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ، ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރުއެވެ.މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން އިސް ނަގައިގެން ފެށި "އިސް ރަށްވެހިންނާއެކު" ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ތިބި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ކަންތައްތައް ބަލައި، ދިމާވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަހްމަދު ޒުހޫރު ވިދާޅުވީ، ސަރުކާރުން ދޮށީ އުމުރުގެ މީހުންނަށް ލުއި ފަސޭހެ ގޮތްތައް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަކީ ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަން ޖެހޭ ބައެއް ކަމަށާއި، ސިއްކީ ދާއިރާއިން ފޯރުކޮށްދެވެންހުރި ލުއިތައް މިހާރުވެސް ފޯރުކޮށްދެމުންދާ ކަމަށެވެ. އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ދަތިތަކަކީ ހަމައެކަނި ސަރުކާރަށް ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެ ކަމުގައި މުޅި މުޖުތަމައު ހިއްސާވާން ޖެހޭކަން ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. "އިސް ރަށްވެހިންނާއެކު" ޕްރޮގްރާމްގެ ދަށުން މި އަހަރު ތެރޭގައި ހއ، ށ، ގދ އަދި ސ އަތޮޅުގައި ޚާއްސަ ޕްރޮގްރަމްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ލޯއެންށް ޖެންޑަރ އިން މަޢުލޫމާތުދެއެވެ. ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ، ގައުމު ކުރިއަށްދާއިރު އިސް ރަށްވެހިން ނުވަތަ އުމުރުން ދުވަސްވީ މީހުން ގައުމަށް ކޮށްދީފައިވާ ކަންކަމުގެ އަގު ވަޒަންކުރަން ޖެހޭ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން އެކުލަވާލާ އުމުރުން ދުވަސްވީ މީހުންގެ ސިޔާސަތުގެ އުމުރުން ދުވަސްވީ މީހުންގެ މާލީ ރައްކަތެރިކަން ކަށަވަރުކޮށްދީ، އެ މީހުންނަކީ މުޖުތަމައުގައި އިހްތިރާމާ ގަދަރުލިބޭ ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އޭޖީ އަނިލް ވިދާޅުވިއެވެ. އިސް ރަށްވެހިންނާއެކު ޕްރޮގްރާމްގެ ތެރެއިން އުމުރުން ދުވަސްވީ މީހުން މައްސަލަތަކާ ބެހޭ ގޮތުން ޚާއްސަ ރޭޑިއޯ ޕްރޮގްރާމްތަކެއް ހެދުމަށްވެސްވަނީ ހަމަޖެހިފައިވެއެވެ. ރާއްޖޭގެ އާބާދީގެ 4.8 އިންސައްތައަކީ 65 އަހަރުން މަތީގެ މީހުނެވެ.