ޚަބަރު

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް 2025 ފެށިގެން ރާއްޖޭގައި މަނާކުރަން މަޖިލީހުން ފާސްކޮށްފި


އެއްފަހަރު ބޭނުންކުރާ ހުރިހާ ބާވަތެއްގެ ޕްލާސްޓިކް 2025 ރާއްޖޭގައި މަނާކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ ދާއިރާތަކަށް ގޮވާލާ ގަރާރެއް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މި ގޮތަށް ފާސްކޮށްފައި މިވަނީ ޤިޔާސުއްދީންގެ ސްކޫލުން އިސްނަގައިގެން މާލޭގެ 16 ސްކޫލެއްގެ ދަރިވަރުން މިދިޔަ މަހުގެ ތޭވީސް ވަނަދުވަހު ރައްޔިތުން މަޖިލީހަށް ގޮސް މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެމްބަރުނާއި ބައްދަލުކޮށް ހުށައެޅި އިލްތިމާސް އާއި ގުޅިގެންނެވެ.

މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 64 މެމްބަރުންގެ ވޯޓާއި އެކު މިއަދު ފާސްކުރި ގަރާރުގައި ބުނެފައިވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓީކް ފުޅި އާއި ހޮޅި ވިޔަފާރިތަކުގައި ބޭނުންކުރުުން މަނާކުރުމަށް ބާރު އެޅުމަށާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓީކް ބޭނުންކުރުމުން އާއްމުން ދުރުކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން މަދުކުރަމުން ގޮސް 2024ގައި އެފަދަ ފުޅި ރާއްޖޭގައި މަނާކުރުމަށާއި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅި އާއި ހޮޅިއާއި ކޮތަޅާއި ސުޕާރީ ޕެކެޓް ބޭނުންކުރުން 2020ގެ ނިޔަލަށް ރާއްޖޭގައި މަނާކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

އެއްފަަރާއި ބޭނުންކޮށްފައި އުކާލާ ފުޅި އާއި ޕްލާސްޓިކް 2025ގައި ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށްވެސް މި ގަރާރުގައިވަނީ ގޮވާލާފައެވެ. އަދި މިފަދަ ތަކެތީގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހ ތަކެތި ރާއްޖޭގައި ތައާރަފުކޮށް ބޭނުންކުރުމަށް ދައުލަތުގެ މުވައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް މަޖިލީހުން ފާސްކުރި ޤާރާރުގައިވެއެވެ.