ވިޔަފާރި

އެމްއެމްއޭގައި ކަރަންސީ ގެލަރީއެއް ހުޅުވައިފި


ރާއްޖޭގައި އިހުގައި ބޭނުންކުރި ފައިސާ އާއި މިހާރު ރާއްޖޭގައި ބޭނުންކުރަމުން އަންނަ ފައިސާ އާއްމުންނަށް ފެންނާނެހެން ކަރަންސީ ގެލަރީއެއް ހުޅުވައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް 38 އަހަރު ފުރުމާއި ގުޅުވައިގެން އެމްއެމްއެމްއޭ އިމާރާތުގައި ހުޅުވާފައިވާ 'ކަރަންސީ ގެލެރީ' ނުވަތަ ފައިސާގެ ނޫޓުތަކާއި ފައިސާ ފޮތިތައް ހިމެނޭ ގެލަރީ ހުޅުއްވައިދެއްވީ މިއަދު އެކަމަށްޓަކައި އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރނަރ އަޙްމަދު ނަސީރު ވިދާޅުވީ ގެލަރީގައި ރާއްޖޭގައި އެކި ޒަމާންތަކުގައި ބޭނުންކުރި ފައިސާ ފެންނަން ހުންނާނެ ކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ރައްޔިތުންނަށާއި ފަތުރުވެރިންނަށްވެސް ރާއްޖޭގެ ފައިސާއާއި ބެހޭ ގިނަ މައުލޫމާތުތަކެއް ދިނުން ކަމަށް ގަވަރނަރ ވިދާޅުވިއެވެ.

" މި ގެލަރީގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށުނު ބޮލިން ފެށިގެން ދިގު ލާރި އަދި އެންމެ ކުރީގެ ލާރިއާއި އަދި ކަރުދާހުގައި ނޫޓު ޗާޕްކުރެވެން ފެށުނީއްސުރެ މިއަދާ ހަމައަށް ޗާޕްކުރެވިފައިހުރި ހުރިހާ ނޫޓު ސީޒީސްއެއް ޑިސްޕްލޭ ކުރެވިފައި ހުންނާނެ،" ގަވަރނަރ ނަސީރު ވިދާޅުވިއެވެ.

މި ހަފްލާގައި އެމްއެމްއޭގެ ކުރީގެ ގަވަރނަރ ގާސިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެމްއޭގެ ކަރަންސީ ގެލެރީގައި ބާރަސަތޭކަވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ރާއްޖޭގައި ބޭނުންކޮށްފައިވާ ފައިސާ ވަނީ ދައްކާލުމަށް ބަހައްޓާފައެވެ.

ކަރަންސީ ގެލަރީ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް ހުޅުވާފައި ހުންނާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.