މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭ ހިންގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން މަރާމާތުކުރުމަށް ބަންދުކޮށްފައި އޮތުމަށްފަހު އަންނަ ޑިސެމްބަރުމަހު ގިލިލަންކަންފުށި ރިސޯޓް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ގިލިލަންކަންފުށީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ރިސޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ރިސޯޓުގެ ހަތް މޫދު ކޮޓަރި ބޭނުން ނުކުރެވޭވަރަށް އަނދާފައިވެއެވެ. އަލިފާނުގެ ހާދިސާއަށްފަހު މަރާމާތުކުރުމަށް ރިސޯޓު ބަނދުކޮށްފައި އޮންނަތާ ގާތްގަނޑަކަށް ހަމަސް ދުވަސްވެފައިވާއިރު މިހާރު ގިލި ލަންކަންފުށިން ދަނީ ރިސޯޓު ހުޅުވުމުގެ ތައްޔާރީތައް ވަމުންނެވެ.
އެގޮތުން މިއަހަރުގެ ޑިސެމްބަރު އެކެއްގައި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ގިލިލަންކަންފުށި ރިސޯޓުން ބުނެއެވެ.
މިރިސޯޓުގައި 84 ވިލާއާއެކު 2 ބިއުޓީ ސެލޫނާއި ޖިމަކާއި ކުޑަކުދިންނަށް ޚާއްސަ ސްވިމިންގ ޕޫލަކާއި އިތުރު ދެ ސްވިމިންގ ޕޫލެއް ހުރެއެވެ.
މީގެ އިތުރުން ވެސް އެކި ކުޅިވަރުތަކަށް ޚާއްސަ ކުޅިވަރު ކޯޓުތަކާއި ޕޫލް ރޫމަކާއި ގޭމް ރޫމެއްގެ އިތުރުން ފަތުރުވެރިންނަށް ޚާއްސަ ލައިބްރަރީއެއް ވެސް މިރިސޯޓުގައި ތަރައްޤީކުރެވިފައިވެއެވެ. އެހެންނަމަވެސް މަރާމާތަށްފަހު ރިސޯޓަށް ގެންނާނެ ބަދަލުތަކެއްގެ ވާހަކަ ރިސޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ގިލި ލަންކަންފުށްޓަކީ ކުރިން ސޮނޭވާ ގިލީގެ ނަމުގައި ހިންގި ރިސޯޓެކެވެ. ނަމަވެސް 2012 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ 'ހޮޓެލް ޕްރޮޕަޓީސްއިން ވަނީ' މި ރިސޯޓު ގަނެ ގިލި ލަންކަންފުށީގެ ނަމަށް ބަދަލުކޮށް ރިސޯޓު ހިންގަން ފަށާފައެވެ.