ސިޔާސީ

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ވައިގެދަތުރުފަތުރަ ގުޅޭ އެއްބަސްވުމެއް އެކުލަވާލަނީ


ސިންގަޕޫރަށް ދަތުރުކުރުމުގައި ދިވެހިންނަށް ލުއި ފަސޭހަ ގޮތްތަށް ހޯދައިދިނުމަށް ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ދެޤައުމުން ސޮއިކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ސިންގަޕޫރުގެ ގްރޭޓް ހްޔާޓް ހޮޓެލްގައެވެ. ރައީސް ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީން ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ދޭން ވަރަށް އަވަހަށް ފަށްޓަވާނެކަމަށްވެސް ވިދާޅުވެފައެވެ.

ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ސިންގަޕޫރަކީ ވަރަށް ޒަމާންވީ، ވަރަށްގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ޤައުމުކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތުގައި، ސިންގަޕޫރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ސިންގަޕޫރަށް މިހާރު ކުރައްވާ ދަތުރުގައިވެސް މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށާ، އޭގެތެރޭގައި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތާ ގުޅޭ އެއްބަސްވުމެއްވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއާއި ސިންގަޕޫރާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމެއް، އެންމެ ފުރަތަމަ ޤާއިމުކުރީ، 12 މާރިޗު 1983 ގައި. އަދި ދަތުރުތައް ފެށީ 28 މާރިޗު 1984 ގައި. އޭގެފަހުން މިވީ 35 އަހަރުގެ ތެރޭގައި، ވައިގެ ދަތުރުފަތުރުގެ ވަސީލަތުން އަޅުގަނޑުމެންގެ ދެ ޤައުމު ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިވެ، އެކުވެރިކަން އިތުރުވެފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖްތަމަޢުން ވަރަށް ބޮޑަށް އެކަހެރިވެފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން މި އަންނަނީ ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގިނަ ޤައުމުތަކާއެކު ގާތް ގުޅުންތަކެއް އުފައްދަމުން. އެހެންނަމަވެސް، އެ ގުޅުންތައް އަލުން އިޢާދަކުރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުޑަވެސް ގެއްލުމެއް ލިބޭފަދަ ކަމެއް އަޅުގަނޑުމެން ނުކުރަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެފަދަ ކަމެއް ނުވެސްކުރާނަން. އަޅުގަނޑުމެން އަވަށްޓެރިންނާއި، ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާއެކު ގުޅުންތައް އުފައްދާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށް. އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ފައިދާ ލިބޭ ގޮތްތަކަށް ވަރަށް ބޮޑަށް އިސްކަންދީގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންތައް މިހާރުވާނީ ފުރިހަމަކޮށްނިމިފައިވާކަމަށާ، އަނެއްކާވެސް ވަރަށް އަވަހަށް ކޮމަންވެލްތުގެ މެންބަރުކަން ރާއްޖެއަށް ލިބިގެންދާނެކަމަށެވެ. އެކަމުގެ ސަބަބުން އެ ޖަމާޢަތުގެ ޤައުމުތަކުން، ކުރިން ލިބެމުން އައި އެހީތަކާއި އެހީތެރިކަން، އަނެއްކާވެސް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިންގަޕޫރަކީވެސް ކޮމަންވެލްތުގެ ވަރަށް މުހިންމު ޤައުމެއް. މިއީ ތަރައްޤީއާއި ކުރިއެރުމާއި މުއްސަނދިކަމުގެ ގޮތުން، ދިވެހީންގެ ތެރޭގައި މިސާލު ޖަހައި އުޅޭ ޤައުމެއް. ސިންގަޕޫރަކީ ކޮން ތަނެއްކަން ނޭނގޭއިރުވެސް، މާލޭގައި އޮންނަ ސިންގަޕޫރު ބާޒާރެއްގެ ވާހަކަ، އަޅުގަނޑުމެން ކުޑައިރު އަޑުއަހަން. މިތާ ތިއްބެވި ބައެއް ބޭފުޅުންވެސް އެ ހަނދާންތައް ހުންނާނެ." ރައީސް ވިދާޅުވިއެވެ.

ސިންގަޕޫރަކީ ދިވެހިންގެ ގިނަބަޔަކު ދަތުރުކުރާ ޤައުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސިންގަޕޫރުގެ ވަރަށް ޒިންމާދާރު ފަންނީ ވަޒީފާތަކުގައިވެސް ދިވެހިން އެބަތިބިކަމަށެވެ. ސަރުކާރުގެ އޮފީސްތަކުގަޔާއި ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކުގައިވެސް ވަރަށް ޒިންމާދާރު މަޤާމުތަކުގައި ދިވެހިން އެބަތިބިކަމަށާ އެކަމުން ދައްކުވައިދެނީ ދިވެހިންގެ ޢިލްމީ ޤާބިލުކަމާއި ފަންނުވެރިކަމާއި ހުނަރުވެރިކަންކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެތެރޭގައި ޑޮކްޓަރުންނާއި، ކޮމްޕިއުޓަރ ޕްރޮގްރާމިންގ ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ ވަޒީފާތަކުގައި އުޅުއްވާ ދިވެހިންވެސް އެބަ ތިއްބެވި. އަމިއްލަ ވިޔަފާރި ކުންފުނިތައް އުފައްދައިގެން، ސިންގަޕޫރުގައި ކާމިޔާބު ވިޔަފާރިތައްވެސް އެބަ ހިންގަވާ. އެ ބޭފުޅުން އެ ވަޒީފާތަކުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވަނީ، ރާއްޖެ ފަޚުރުވެރިވާހާ ފުރިހަމައަށް ޒިންމާދާރުކަމާ އެކުގައިކަން އަޅުގަނޑު ފާހަގަކުރަން." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ގާތް ގުޅުމެއް އުފައްދަން، ދިވެހި އެމްބަސީން މިހާރުވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިކަމަށާއި، އެމްބަސީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި އެމްބަސީ މެދުވެރިކޮށް، ދޭ ޚިދުމަތްތަކުގެ ތެރެއިން، އެމްބަސީއަށް ކޮންމެހެން ހާޒިރުވާންޖެހޭ ކަންތައް ފިޔަވައި، އެހެން ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައްވެސް މިހާރު ވާނީ ހަމަޖެހިފައިކަމަށާއި، އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި، ދިވެހި އެމްބަސީއާއި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ދެމެދު ވަރަށް ރަނގަޅު، ވަރަށް ގާތް ގުޅުމެއް އުފެދިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވިއެވެ.