ޚަބަރު

ޖޭއެސްސީގެ މެންޑޭޓް ބަދަލުކުރުމަކީ ހައްލެއް ނޫން - ނަޝީދު


ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ހައްލެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖޭއެސްސީއަށް 10 އަހަރުވެފައިވާއިރު ފަނޑިޔާރުން ޖަވާބުދާރީ ނުކުރެވިފައި އޮތީ ކީއްވެގެންތޯ ސުވާލު އުފައްދަން ޖެހޭކަމަށެވެ. މި ގޮތުން ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ކޮން ގޮތަކަށް ބަދަލުވީމާތޯ ނުވަތަ ޤާނުނަށް ކޮން އިސްލާހެއް ގެނެސްގެންތޯ މީ އަދި ވަކިގޮތެއް ކަނޑައެޅިފއި ނުވާކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފަނޑިޔާރުން ޖަވާބުދާރީ ނުކުރުވާ ޖޭއެސްސީ ކަމެއް ނުކޮށް އޮތީ ތިން ބާވަތެއްގެ މަސްލަހަތު ފަނޑިޔާރުގެއަށް ވަދެފައިވުމުންކަމަށް ދެކެވަޑާއިގަންނަވާކަމަށެވެ

" ވިޔަފާރީގައި އުޅުއްވާ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަން ފެއްޓެވީ ރާއްޖޭގެ ކޯޓްތަކަކީ ވިޔަފާރިއަށް އެހީވެދޭ ފައިސާ ހޯދުމުގެ ވަސީލަތަކޭ. އެހެންވެ ބައެއް ވިޔަފާރި ވެރިންނާއި ކޯޓްތަކުގެ ފަނޑިޔާރުންނާއި ގާތް ގުޅުމެއް އޮތީ. ގްރޫފް ހަދައިގެން މާރާމާރީ ހިންގާ ކުދިން ދެކެން ފެށީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަނޑިޔާރުންނާއި ގުޅުން އޮންނަންޖެހޭކަމަށް. ސިޔާސީ ލީޑަރުން ދުށީ އެމީހުންގެ ސިޔާސީ ބާރުވެރިކަން ހޯދުމަށް ފަނޑިޔާރުގެ ބޭނުންކުރުމަށް " ނަޝީދު ވީދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގެ ވަނީ ވަރަށް ބޮޑަށް ހަރާބުވެފައިކަމަށާއި އެކަން ރަގަޅު ކުރެވޭނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ކުރިން އެހެން ކިތަންމެ ކަމެއް ކޮށްގެން ކަމަށެވެ. މި ގޮތުން ޖޭއެސްސީގެ މެންޑޭޓް އެކަނި ބަދަލުކޮށްގެން ޝަރުއީ ދާއިރާ ރަގަޅު ނުކުރެވޭނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

" ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ގާނޫނު އަސާސީއަށް ބަދަލުތަކެއް އަންނަން ޖެހޭ އެހެން ގާނުނުތަކަށްވެސް މިހެން އޮތީ. ގާނޫނޫ އަސާސީގެ އިލްމްގެ ބޭފުޅުން މިކަން ދެކޭ ގޮތަކީ އެ ބަދަލުތައް ގެންނަ ޖެހޭނީ ވިސްނާފައޭ. ބަހުސްކޮށްފައޭ. ރައްޔިތުންނާއި ވާހަކަ ދައްކާފައޭ. ރައްޔިތުންގެ ހިޔާލު އޭގައި ވަރަށް ބޮޑަށް ހިމެނި ހޯދިގެންނޭ. އެއްރޭ ހަމަ ފަތިހު ހޭލާފަ އަޅުގަޑުމެން އަތުގައި ބައިވަރު ގޮނޑި ހުރީމާ ގާނޫނު އަސާސީ ބަދަލުކޮށްގެން ނުވާނެ " ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީގެ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޖެހޭނީ ޝަރުއީ ނިޒާމު އިސްލާހުކުރުމަށްފަހުކަމަށާއި އެކަން މަޖިލީހުން ކުރާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ އަމާޒަކީ ރާއްޖޭގެ ޝަރުއީ ނިޒާމަކީ ތަރައްގީވެފައިވާ ޤައުމުތަކުގައި އޮންނަ ބާވަތުގެ ތަރައްޤީވެފައި އޮތް އަދުލް އިންސާފު ފުރިހަމައަށް ޤާއިމުކުރެވޭތަނަކަށް ހެދުންކަމަށެވެ. އަދި އަދި ހަމައެކަނި ދިވެހިން ދދާ ތަނެއްގެ ގޮތުގައި ކޯޓްތައް އޮތުމުގެ ބަދަލުގައި ދިވެހިން ނޫން ބޭރުގެ ވިޔަފާރިވެރިންވެސް ރާއްޖޭގެ ޝަރުއީ ނިޒާމު އިންސާފުވެރިކަމަށް ދެކި އެމީހުންގެ އަމިއްލަ ފައިސާ ރާއްޖެއަށް ގެންނަށް ނިންމާ ހިސާބަށް ގެންދާނެކަމަށާއި އެ މަސައްކަތް ހުއްޓާނުލާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.