ޚަބަރު

ފޯކައިދޫއިން މާޒިޔާ މޮޅުވިޔަނުދީ ހިފަހައްޓައިފި


އައު ސީޒަނަށް ވަރުގަދައަށް ތައްޔާރުވި މާޒިޔާ މޮޅުވިޔަނުދީ ފޯކައިދޫއިން ހިފަހައްޓައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއާއި ފޯކައިދޫގެ ކުރިމަތިލުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗު އެއްވަރުވުމުން ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުޞަތު މާޒިޔާއަށްވަނީ ގެއްލިފައެވެ. މެޗުގައި މާޒިޔާއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ފޯކައިދޫންވަނީ މެޗުގައި މާޒިޔާއިން ފޮނުވާލި ނުރައްކާތެރި ޙަމަލާތައް ދިފާޢުކޮށްފައެވެ.

މެޗުގެ 14ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގައި ގޯލު ޖަހާނެ އެންމެ ހުސް ފުރުޞަތެއް ލިބުނީ މާޒިޔާގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އަށެވެ. ދެވަނަ ހާފުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖައްސާލި ބޯޅައެއް، އޭރިޔާގެ ތެރޭގައި ހުރެފައި އިއްބެ ގޯލަށް ފޮނުވާލިނަމަވެސް ގޯލާ އަމާޒެއްނުވިއެވެ.

ދެވަނަ ހާފުގައި ފޯކައިދޫން ދިޔައީ ލިބޭ ކައުންޓަރ އެޓޭކްތަކުގައި ޙަމަލާ އުފައްދަން މަސައްކަތްކުރަމުންނެވެ. މެޗުގެ ފަހު ފަސް މިނެޓުގައި ފޯކައިދުއަށް ހުސް ފުރުޞަތުތަކެއް ލިބުނު ނަމަވެސް، އެއިން އެއްވެސް ފުރުޞަތެއް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.

މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރު އަލީ ޝާމިސަށް މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި އޭރިޔާ ތެރެއަށް ވަދެ ގޯލެއް ޖަހަން ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުމެއް ނުހިފުނެވެ. އޭނާވަނީ މުޅި މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި، މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.