މޯލްޑިވްސް އިސްލާމިކް ބޭންކުން ޚިއްސާ ވިއްކުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކުމަށް ނިންމާފައި މިވަނީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށްފަހު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރުމަށްފަހުގައެވެ.
އިސްލާމިކް ބެންކުން ބުނީ ކުންފުނީގެ 31 އިންސައްތަ ހިއްސާ ވިއްކުމަށް އެއީ ޖުމްލަ 6.9 މިލިއަން ޚިއްސާކަމަށެވެ. އަދި ޚިއްސާއެއް ވިއްކާނީ 35 ރުފިޔާއަށްކަމަށްވެސް އިސްލާމިކް ބެންކުން ބުނެއެވެ.
އިސްލާމިކް ބޭންކުގެ ޚިއްސާ ވިއްކާއިރު ހިއްސާ 2 ބަޔަކަށް ބެހޭކަމަށް ބޭންކުން ބުނެއެވެ. އެއީ އިސްލާމިކް ބޭންކުގެ 157 މިލިއަން ރުފިޔާގެ ހިއްސާ އަދި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރގެ 87 މިލިއަން ރުފިޔާގެ ހިއްސާއެވެ. ބޭންކުން ބުނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެކަމަށެވެ.
ނޫސްވެރިންގެ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމްއައިބީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މުހައިމިން ވިދާޅުވީ ކުންފުނީގެ ހިއްސާ ވިއްކުމާއެކު ކުންފުނީގެ ރައުސްމާލު އިތުރުވެ ގިނަ އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވިގެންދާނެކަމަށެވެ.
މުހައިމިން ވިދާޅުވީ އެމްއައިބީގެ މަޤްސަދަކީ ވީހާވެސް ގިނަ ދިވެހިން ބޭންކުގެ ހިއްސާގަތުންކަމަށެވެ. އެހެންކަމުން 35ރ އަށް ހިއްސާއެއް ވިއްކުމަށް ނިންމައިފަވާއިރު މިއީ ދިވެހި އިންވެސްޓަރުންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
" ބޭންކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކަން މި އިއުލާންކުރަނީ. މިއާއެކު ބޭންކުގެ މާލީ ހާލަތު އިތުރަށް ރަނގަޅުވެ އިންވެސްމެންޓުތަކަށް ފުރުސަތު ހުޅުވިގެންދާނެ. އުއްމީދަކީ ވީހާވެސް ގިނަ ދިވެހިން މި ފުރުސަތުގެ ބޭނުންހިފުން. އަޅުގަނޑުމެންގެ މައިގަނޑު މަޤްސަދަކީ ވެސް މިއީ." މުހައިމިން ވިދާޅުވިއެވެ.
އެމްއައިބީގެ ހިއްސާއެއް 35 ރުފިޔާއަށް ވިއްކާއިރު މަދުވެގެން ގަނެވޭނީ 20 ހިއްސާއެވެ. އެއީ ހިއްސާއަކަށް 35 ރުފިޔާ ރޭޓުންކަމަށްވާނަމަ 700 ރުފިޔާގެ ހިއްސާކަމަށް ބޭންކުން ބުނެއެވެ.
އިސްލާމިކް ބޭންކްގެ ޗީފް ފައިނޭންޝަލް އޮފިސަރ އަލީ ވާސިފް ވިދާޅުވި ކުންފުނިން ވިއްކުމަށް ކަނޑައަޅާފައިވާ ހިއްސާއަކީ ރާއްޖޭގެ މާކެޓަށް ބަލާއިރު ރަނގަޅު އަދަދެއްކަމަށެވެ. އޭނާ ވިދާޅުވީ ހިއްސާ ފަރުމާކޮށްފައިވަނީ އާންމުންގެ ބައިވެރިވުން ބޮޑުވާނެގޮތަށް ބެލުމަށްފަހު އާންމުންނަށް ގަނެވޭނެ ފަދަ އަގުތަކެއްގައިކަމަށެވެ.
"ޝެއަރ ކަނޑައެޅުމުގައި ބޮޑަށް ބެލީ ކުންފުނި ވެލުއުކޮށް އިވެލުއޭޓްކުރުމަށްފަހު. ހިއްސާގެ އަގު 35ރ އަށް ކަނޑައަޅާފައިވާއިރު އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް މިއީ މާކެޓްގައި އޮތް އަގަށް ވުރެވެސް ރަނގަޅު އަގެއްކަމަށް. އަޅުގަނޑުމެން އުއްމީދުކުރަނީ މި ކުންފުނީގެ ހިއްސާއަށް ވަރަށް ޑިމާންޑް ބޮޑުވާނެކަމަށް." ވާސިފް ވިދާޅުވިއެވެ.
އެމް އަބީގެ ހިއްސާ ވިއްކުމަށް ހުޅުވާލާނީ އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެމްއައިބީއިން ބުނެއެވެ. ހިއްސާ ގަތުމަށް އިސްލާމިކް ބޭންކްގެ އޮންލައިން އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ހިއްސާ ގަތުމުގެ ކަންކަން ހަމަޖެހިފައިވާނެކަމަށް ބޭންކުން ބުނެއެވެ. އަދި މީގެ އިތުރުން ބޭންކުގެ ވެބްސައިޓުން ވެސް މިކަމާއިބެހޭ މަޢުލޫމާތު ލިބެން ހުންނާނެކަމަށް ބޭންކުން ބުނެއެވެ.
2010 ވަނަ އަހަރު އުފެއްދި މޯލްޑިވިސް އިސްލާމިކް ބޭންކް، އަކީ އިސްލާމިކް ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ، އައިސީޑީގެ 10 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއި ސަރުކާރުގެ 1 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއެކު އުފައްދާފައިވާ ބޭންކެކެވެ. އެމްއައިބީއަކީ ރާއްޖޭގައި އިސްލާމީޝަރީޢާގެ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަމައެކަނި ބޭންކެވެ.
އެމްއައިބީން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކުމަށް ނިންމާފައިވާއިރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މިހާރުވެސް 9 ކުންފުންޏެއް ލިސްޓުކޮށްފައިވެއެވެ.