ތިމާވެށި

ކްލައިމެޓް މީޓިންއަށް އެންވަޔަރަމަންޓް މިނިސްޓަރ ޔޫ.އޭ.އީއަށް


ކްލައިމެޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ޔުނައިޓެޓް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީއަށް ފުރާވަޑައިގެންފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫ.އޭ.އީގެ ވެރިރަށް އަބޫ ދާބީގައެވެ. މި ބައްދަލުވުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހު ނިއުޔޯކުގައި ބޭއްވުމަށް ތައްޔާރުވަމުންދާ އދ. ގެ ކްލައިމެޓް އެކްޝަން ސަމިޓަށް ތައްޔާރުވުމަށެވެ. އެގޮތުން ދުނިޔޭގެ ލީޑަރުންގެ މެދުގައި މަޝްވަރާކޮށް، މި ސަމިޓުގައި އެޖެންޑާ ކުރާނެ މުހިއްމު ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގެ ތެރެއިން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަކުރާ ނޭދެވޭ އަސަރުތަކާއި، ވަކިން ޙާއްސަކޮށް ކުދި ޤައުމުތަކަށް އެކަމުގެ ނުރައްކާ އޮތް މިންވަރު ހާމަކޮށްދީ ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރަމުންނެވެ. ހަމައެހެންމެ ރާއްޖޭގެ ގުދުރަތީ ވެށްޓަށް އަންނަމުންދާ ބަދަލުތައް ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަމަށް ގެނެސް، އެކަންކަން ކުޑަކުރުމަށް ކުރާ މަސައްކަތުގައި މާލީގޮތުންނާއި ފަންނީގޮތުން އެހީތެރިކަން ހޯދުމަށްވެސް ރާއްޖެއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތިމާވެށްޓަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކާ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ލީޑަރުން
ނިއުޔޯކުގައި ބާއްވާ އދ. ކްލައިމެޓް އެކްޝަން ސައިމުޓުގައިވެސް
މުހިއްމު ނިންމުންތަކެއް ނިންމާނެކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުތައް ބުނާއިރު، މިއީ ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށްޓަކާ ދުނިޔޭގެ ޤައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.