ޚަބަރު

މެޖިސްޓްރޭޓް ރާޣިބާއި ގުޅޭ ތަހުޤީގު ފަށައިފި


ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދާއި ދެކޮޅަށް ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހުށައަޅާފައިވާ ޝަކުވާތައް ބަލާ ކެމެޓީގެ ބައްދަވުމެއް ބާއްވައިފިއެވެ.

ޖޭއެސްސީން ބުނީ މުހައްމަދު ރާޣިބު އަހްމަދާއި ގުޅޭ 8 ޝަކުވާއެއް އެ ކޮމިޝަނަށް ހުށައަޅާފައިވާކަމަށާއި އެ ޝަކުވާތައް އެ ކޮމިޝަނުން ބަލަން ފަށާފައިވާކަމަށެވެ. މި ގޮތުން އެ ޝަކުވާތައް ބެލުމަށް އެކުލަވާލި ކޮމެޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ.

މި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ކޮމިޝަންގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ހުސްނީއާއި މެމްބަރު ޢަބްދުއްރައޫފް އިބްރާހިމާއި މެމްބަރު އަލްއުސްތާޛު ހިސާން ހުސައިނާއި މެމްބަރު އަލްއުސްތާޛު އިބްރާހީމް ރިފުއަތާއި އަލްއުސްތާޛު މުޙައްމަދު އިސާފުޅުއެވެ.

މުހައްމަދު ރާޣިބު އަހްމަދާއި ގުޅިގެން ކޮމިޝަނަށް ހުށައެޅިފައިވަނީ ކޮން ޝަކުވާތަކެއްކަމެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީން އަންނަނީ ސިވިލްކޯޓްގެ ޤާޟީ އަލްއުސްތާޛު ޙަސަން ފަޙީމް އިބްރާހިމާއި ކުރިމިނަލްކޯޓްގެ ޤާޟީ ޙަސަން ނަޖީބާއި ގއ މާމެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަޙްމަދު ޝުކޫރާއި ގުޅިގެން ހުށައަޅާ ފައިވާ ޝަކުވާތަކެއްވެސް ބަލަމުންނެވެ.