ޚަބަރު

ޔޫތް މިނިސްޓްރީގެ "ޒުވާނުންގެ ހޮޅުއަށި" ދެވަނަ ފޯރަމް ގުޅީގައި ކުރިއަށްގެންގޮސްފި


ޔޫތު މިނިސްޓްރީން އިސްނަގައިގެން ޒުވާޏުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ ޒުވާނުންގެ ހޮޅުއަށީގެ ދެވަނަ ބައްދަލުވުން ކ.ގުޅީގައި ކުރިއަށްގެންގޮސްފިއެވެ.

މި ބައްދަލުވުމަކީ އެ މިނިސްޓްރީން ސިލްސިލާކޮށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުންތަކަކީ ޒުވާޏުންނަށް ފުރުޞަތުތައް ތަނަވަސްކޮށްދީ ޒުވާނުންނަށް ބޭނުންވާ ޙިދުމަތްތައް ފޯރުކޮށްދިނުމުގެ އަމާޒުގައި ކުރިއަށްގެންދާ ބައްދަލުވުންތަކެއް ކަމަށް ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރ މަހުލޫފް ވަނީ ވިދާޅުވެފައެވެ. ފުރާވަރު ކުދިންނާއި ޒުވާނުންނަށް ޙާއްސަކޮށްގެން މިއަދު ހަވީރު ކ.ގުޅީގައި ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި 15 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ސިލްސިލާ ސައްލާ ޕްރޮގްރާމްގައި މިއަދު ކުރިއަށްގެންގޮސްފައިވަނީ "ގެވެށި އަނިޔާ" މި މައުޟޫއަށެވެ.

މިއަދު ކުރިއަށްގެންދިޔަ ޒުވާނުންގެ ހޮޅުއަށި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޭޖެންސީގެ އެހީގައި ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. ޔޫތް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި ފޯރަމަކީ ސިލްސިލާކޮށް ކޮންމެ މަހަކުވެސް ކުރިއަށް ގެންދަން ނިންމާފައިވާ ފޯރަމެއްކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ.އެގޮތުން މި ސިލްސިލާގެ ފުރަތަމަ ފޯރަމް ކުރިއަށްގެންގޮސްފައިވަނީ މާލޭގައެވެ. ތިންވަނަ ފޯރަމް ރާއްޖޭގެ އެހެން ހިސާބެއްގައި ކުރިއަށްގެންދިއުމަށް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.

ޔޫތު މިނިސްޓްރީން ދަނީ ޒުވާނުން ބާރުވެރިކުރުމަށް ތަފާތު އެކި ޙަރަކާތްތަކާއި މައުލޫމާތު ބައްދަލުވުންތަކާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އިޖުތިމާއި އެކި ހަރަކާތްތައްވެސް ކުރިއަށްގެންދަމުންނެވެ.