ޚަބަރު

އައިއޯއައިޖީގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގެ އެންމެ އިސްވެރިއަކަށް މައިޒަން އަލިބެ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ބައިވެރިވާ ދިވެހި ރާއްޖޭގެ ކޮންޓިންޖެންޓްގެ އެންމެ އިސްވެރިއަކަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަލީ މަނިކު (މައިޒާން އަލިބެ) ހަމަޖައްސައިފިއެވެ.

މައިޒާން އަލިބެއަކީ އެތްލެޓިކްސަށް ވަރަށް ގިނަ އަހަރުތަކެއްވަންދެން ޙިދުމަތްކޮށްދީފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ސީނިއަރ އެތްލެޓިކްސް ޓީމް 2010ވަނަ އަހަރުގެ ސައުތް އޭޝިއަން ގޭމްސްގެ ސްޕްރިންޓް ރިލޭއިން ބްރޮންޒް މެޑަލް ހޯދިއިރު އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްއަކަށް ހުރީ މައިޒާން އަލިބެއެވެ. 1980ވަނަ އަހަރު އެތްލެޓިކްސް އެސޯސިއޭޝަންއާއި ގުޅުނު މައިޒާން އަލިބެވަނީ އެސޯސިއޭޝަންގެ ރައީސްގެ މަޤާމްގެ އިތުރުން އެސޯސިއޭޝަންގެ އިސް މަޤާމްތައްވެސް ފުރާފައެވެ.

މީގެ އިތުރުން، އައިއޯއައިޖީގައި ބައިވެރިވާ ދިވެހި ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަކަށް ހަމަޖައްސާފައިވަނީ ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު ބާސްކެޓްބޯޅަ ކޯޗްކޮށްދޭ އިބްރާހީމް ނާހިދެވެ. މީގެ ކުރިން އޭނާވަނީ 2018ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ޗެފް ޑި މިޝަނެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

އޭނާގެ ދަށުން ދެ ޑެޕިއުޓީ ޗެފް ޑި މިޝަންވަނީ ހަމަޖައްސާފައިވެއެވެ. އެގޮތުން، ފިރިހެން ޓީމް ބަލަހައްޓާނީ އިސްމާޢީލް ރަޒީނެވެ. އަދި އަންހެން ޓީމް ބަލަހައްޓާނީ އާމިނަތު ނާޝިދާއެވެ.

ޗެފް ޑި މިޝަން އިބްރާހީމް ނާހިދު މިހާރުވެސްދަނީ އައިއޯއައިޖީގައި ބައިވެރިވާ ޓީމްތަކާއި ބައްދަލުކޮށް ކްލާސްތައް ނަގައިދެމުންނެވެ. މި ކްލާސްތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް ޓީމެއްގެ ގޮތުގައި ރާއްޖޭގެ ހުރިހާ އެތްލީޓުންވެސް ޙަރަކާތްތެރިވުމެވެ.

އަންނަ މަހު ފަށާ އައިއޯއައިޖީގައި ރާއްޖެއިން 10 ކުޅިވަރަކުން ވާދަކުރާނެއެވެ. އެއީ އެތްލެޓިކްސް، ބެޑްމިންޓަން، ޓެނިސް، ޓޭބަލް ޓެނިސް، ފިރިހެން އަދި އަންހެން ވޮލީ، ބީޗް ވޮލީ، ބާސްކެޓްބޯޅަ، ފުޓްބޯޅަ، ފެތުން އަދި ކައިޓް ސާފިންނެވެ.