ޚަބަރު

ފެނުގެ މުހިންމުކަން ދަރިންނަށް އަންގައިދީ ނަމޫނާ ދައްކާ ބަޔަކަށްވުން މުހިންމު- ނާއިބް ރައީސް


ފެނުގެ މުހިންމުކަން ދަރިންނަށް އަނގައިދީ ނަމޫނާ ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް އެދިވަޑައިގެންފިއެވެ.

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ 24 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ފެނުގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ފެނަކީ އެއާ ނުލާ ނޫޅެވޭނެ އެއްޗެއްކަން ހަނދާން ކޮށްދެއްވަމުން ނާއިބް ރައީސް ވަނީ ފެންއިސްރާފު ނުކުރުމަށާއި އަދި ދަރިންނަށް ނަމޫނާ ދައްކަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ނާއިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ތިމާވެއްޓަށް ގެއްލުންހުރި ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން، މަދުކުރުމަށްވެސް އެދިވަޑައިގެންފައެވެ. އަދި އޮފީހުގެ މަސައްކަތުގެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކުންފުނިތައް ހިންގުމަށާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން ބަލައިގަންނަފަދަ ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް އެދިވަޑައިގެންފައެވެ.

މި ޖަލްސާގައި ނާއިބް ރައީސް ވަނީ އެމް.ޑަބްލިއު.އެސް.ސީގެ މުވައްޒަފުންގެ ތެރެއިން 'ޗެއާމަން އެވޯޑް ފޯރ އެކްސެލެންސް' ހާޞިލުކުރި މުވައްޒަފަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

އެމް.ޑަބްލިއު.އެސް.ސީގެ 24 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެކި ގޮތްގޮތުން ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ މުވައްޒަފުންނަށް އެކަން ފާހަގަކޮށް އެވޯޑުވެސް ދީފައެވެ.