ހެންވޭރުގައި ހުރި ފަޅު ގެއެއްގައި ރައްކާކޮށްފައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 42 އަހަރުގެ ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ މާލެތެރެ ބަލަހައްޓަމުންދިޔަ ފުލުހުންނަށް މިއަދު މެންދުރު 13:30 ހާއިރު އޭނާ މަގުމަތިން ދަނިކޮށް ފެނިގެން އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވޭތީ މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސް ހެންވޭރުގައި ހުރި ފަޅު ގެއަކަށް ވަނުމުން ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ހުރި ތަން ބަލައި ފާސްކުރުމުން ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހުރިތަނުން 11 ފުޅި ބަނގުރަލާއި، ބަނގުރާ ހުސްކުރި 15 ފުޅިއާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅަކާއި 17 ޕެކެޓާއި 13 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ. އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ޓިޝޫ ގަނޑެއްވެސް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފުލުހުން ދަނީ މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝައްކު ކުރެވޭ ތަންތަނާއި މީހުން ބަލައި ފާސްކޮށް، އެފަދަ އަމަލުތައް ހިންގަމުންދާ ގެތަކުގެ މަޢުލޫމާތުވެސް އާންމު ކުރަމުންނެވެ.