ޚަބަރު

22ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ނިންމާލައިފި


ގދ. ތިނަދޫގައި ބޭއްވި 22ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ނަވާވީސް ސްކޫލަކުން ބައިވެރިވި މި މުބާރާތް ކުރިއަށް ދިޔައީ 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ.

އެގޮތުން، 13 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަން ޓީމަކަށް ހޮވުނީ ތިނަދޫ ސްކޫލެވެ. ދެވަނަ ހޯދީ ހާފިޒް އަހުމަދު ސްކޫލެވެ. މި އުމުރުފުރައިގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ހާފިޒް އަހުމަދު ސްކޫލުންނެވެ. ދެވަނަ ހޯދީ ތިނަދޫ ސްކޫލެވެ.

15 އަހަރުން ދަށުގެ އުމުރުފުރައިގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޝަރަފުއްދީން ސްކޫލުންނެވެ. އެ އުމުރުފުރައިގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

އަދި 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ހާފިޒް އަހުމަދު ސްކޫލުންނެވެ.

މީގެ އިތުރުން 19 އަހަރުން ދަށުގެ ފިރިހެން ބައިން ޗެމްޕިއަންކަން ހޯދީ އައްޑޫ ހައި ސްކޫލުންނެވެ. އެ އުމުރުފުރައިގެ އަންހެން ބައިން ބައިވެރިވި އެތްލީޓުންގެ ޢަދަދު މަދުވުމުގެ ސަބަބުން އެ އުމުރުފުރާއިން ޗެމްޕިއަން ޓީމެއް ނުހޮވައެވެ.

މި މުބާރާތުގައި 565 އެތްލީޓުންވަނީ ބައިވެރިވެފައެވެ. މުބާރާތުގެ އެކި އިވެންޓުތަކުން އެތްލީޓުންވަނީ ރެކޯޑުތަކެއްވެސް އައުކޮށްފައެވެ. އެގޮތުން، 15 އަހަރުން ދަށުގެ އަންހެން ބައިގެ 800 މީޓަރު ދުވުމުން ޖަމާލުއްދީން ސްކޫލުގެ މަރިޔަމް ޔަނާ ނާސިހުވަނީ ރެކޯޑު އައު ކޮށްފައެވެ. އަދި އެ އުމުރުފުރައިގެ 1،500 މީޓަރު ދުވުމުގެ ރެކޯޑުވެސްވަނީ އައުކޮށްފައެވެ. މި މުބާރާތުގައި އެ ރެކޯޑްވަނީ ދެ ފަހަރަށް އައުކޮށްފައެވެ. ދެފަހަރުވެސް ރެކޯޑު އައުކުރީ ޝަރަފުއްދީން ސްކޫލުގެ އައިޝަތު ނަފްހާ ރަޝީދެވެ.

މީގެ އިތުރުން، 17 އަހަރުން ދަށުގެ ބައިގެ ޖެވެލިން ތްރޯގެ ފިރިހެން ބައިގެ ރެކޯޑު ގެމަނަފުށީ ސްކޫލުގެ ސަފްހާން ޢަލީ ވަނީ އައުކޮށްފައެވެ. ލޯންގް ޖަމްޕްގެ ރެކޯޑް އައުކުރީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަޙްމަދު ރާކިއީން ރަޝީދެވެ. އަދި އެ އުމުރުފުރައިގެ އަންހެން ބައިގެ 200 މީޓަރު ދުވުމުގެ އިވެންޓުން މީޓް ރެކޯޑު އައު ކުރީ ދާންދޫ ސްކޫލުގެ ސަރާ މަސްއޫދެވެ. އަދި ލޯންގް ޖަމްޕުގެ އަންހެން ބައިގެ މީޓް ރެކޯޑު އައު ކުރީ ޝަރަފުއްދީން ސްކޫލުގެ ކައުސަރު އާދަމެވެ.

19 އަހަރުން ދަށުގެ އަންހެން ބައިގެ 100 މީޓަރު ދުވުމާއިި 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުން އައްޑޫ ހައި ސްކޫލުގެ އައިޝަތު ހިމްނާވަނީ ރެކޯޑު އައުކޮށްފައެވެ.