ސިއްހަތު

ހައްދުންމަތީގެ ރަށްރަށުގެ ސިއްޙީ ޙާލަތު ދެނެގަތުމަށް ހެލްތް މިނިސްޓަރ އެ އަތޮޅަށް


ރަށްރަށުގެ ޞިއްޙީ ހާލަތު ބެއްލެވުމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހައްދުންމަތީގެ 6 ރަށަކަށް ޒިޔާރާތްކުރައްވައިފިއެވެ.

މި ދަތުރުފުޅުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ހައްދުންމަތީގެ ގަމާއި، ފޮނަދޫއާއި، މާވަށާއި، ކުނަހަންދޫގެ އިތުރުން ހިތަދުއާއި މާމެންދުއަށް ވަޑައިގެން، އެ ރަށްރަށުގެ ސިއްޙީ ފަރުވާދޭ ތަންތަނަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ހިންގުމުގައި މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކަކީ ކޮބައިކަން މިނިސްޓަރ ވަނީ އޮޅުން ފިލުއްވާފައެވެ. އަދި އެ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާ، ޞިއްޙީ ހާލަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުއްވާފައެވެ.

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ލ. އަތޮޅަށް ފަށްޓަވާފައިވާ މި ދަތުރުފުޅުގެ ތެރެއިން މާދަމާވެސް އެ އަތޮޅުގެ 4 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުންޑޫ، މާބައިދޫ، ދަނބިދޫ އަދި އިސްދޫގެ އިތުރުން ތ. އަތޮޅު ވޭމަންޑޫއަށްވެސް މާދަމާ އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރަށްރަށުގެ ޞިއްޙީ ހާލަތު ބެއްލެވުމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އަތޮޅުތެރެއަށް ކުރައްވާ މިފަދަ ދެވަނަ ދަތުރުފުޅެވެ. އެމަނިކުފާނު ވަނީ މީގެ ކުރިން ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.