ޚަބަރު

އިތުރު 14 ރަށެއްގައި ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރަނީ


އިތުރު 14 ރަށެއްގައި ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ނިންމައިފިއެވެ. މީގެ ކުރިންވެސް ޔޫތް މިނިސްޓްރީންވަނީ 13 ދަނޑެއްގައި ޓާފް އެޅުމަށް ޓެންޓަރ ބޯޑަށް ފޮނުވާފައެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިލަންދޫ، މާކުރަތު، ވެލިދޫ، ތިމަރަފުށި، އިހަވަންދޫ، ހަނިމާދޫ، ކުޑަހުވަދޫ، މާފުށި، ކުޑަފަރީ، ފުނަދޫ، ނޮޅިވަރަމް، ފޯކައިދޫ، ރަސްދޫ އަދި ދިއްގަރުގައި ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ޓެންޑަރ ބޯޑަށް ފޮނުވާފައިވާކަމަށެވެ.

މީގެ ކުރިން އަލިފުށި، ނިލަންދޫ، އައްޑޫ ސިޓީގެ ފޭދޫ، ފުވައްމުލައް ސިޓީ، ތިނަދޫ، ގަން، ހިއްނަވަރު، ހޮޅުދޫ، ދިއްދޫ، ވިލިގިލި، މާމިގިލި، ނެއްލައިދޫ އަދި ކެނދިކުޅުދޫގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ޓެންޑަރ ބޯޑަށް ފޮނުވާފައިވެއެވެ. އަދި އިތުރު 11 ރަށެއްގައިވެސް ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް އިޢުލާން ކުރެވޭނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، 10 ރަށެއްގައި ފީފާ ފެންވަރުގެ ޓަރފް ދަނޑު އެޅުމަށްވެސް މިނިސްޓްރީންވަނީ އިޢުލާންކޮށްފައެވެ.

ސަރުކާރުން ރަށްރަށުގައި އަޅާފައި ހުރި ދަނޑުތައް އިތުރަށް ތަރައްޤީކޮށް، މަރާމާތު ކުރުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ މަހުލޫފްވަނީ ވިދާޅުވެފައިވެއެވެ.