ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފުރިހަމަކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރު ކުންފުނިތަކަށް ދިމާވެފައިވާ ނިކަމެތި ޙާލަތުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ބޭނުންވާނޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ވަޢުދާއެކުކަމަށެވެ. ނަމަވެސް އެމަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ކުންފުނިތަކަށް ދިމާވެފައިވާ ނިކަމެތި ޙާލަތުކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ކުރާ މަސައްކަތަކީ އެކަންކަން ބަލާ އިސްލާޙުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ގިނަ ކުންފުނިތަކުގައި ކޮރަޕްޝަނާއި ވައްކަން ހުރީ ހިތަށްވެސް ނުގެނެވޭހާ މަތީ ދަރަޖައެއްގައި. މިހާރު ކުރަމުންދާ މިމަސައްކަތަކީ އެކަންކަން ބަލާ، އިސްލާހުކުރުމުގެ މަސައްކަތް އަދި މިފަދަ ކަންކަން ކުރިއަށް އޮތްތަނުފައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް، މިމަހާސިންތާއަކީ މިކުރެވެމުންދާ މަސައްކަތަށް ލިބުނު ބާރެއް ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ފައިދާވާ، އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ކުންފުނިތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް" މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރު ހިއްސާ ކުންފުނިތަކުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ތައްޔާރުކޮށްފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑު އިފްތިތާޙުކޮށްފައެވެ. މިކޯޑު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ. ބޭރުގެ މާހިރުންގެ ފަންނީ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ވަކި އުސޫލުތަކާއި ހަމަތަކެއްގެ މަތީގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.
މިރަސްމިއްޔާތުގައި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކުގެ ވެރިން ވަނީ ނަޒާހަތްތެރިކަމުގެ އިޤްރާރެއްގައި ސޮއި ކުރައްވާފައެވެ. މިއި އިޤްރާރުގައި ކުންފުނިތަކުގެ ޗެއާޕާސަނުން، މެނޭޖިންގ ޑިރެކްޓަރުން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ސޮއިކުރެއްވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަހާސިންތާއަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭގޮތުން ސަރުކާރުން ގެންގުޅެން ބޭނުންވާ މައިގަނޑު ސިޔާސަތު ކުންފުނިތަކުގެ ވެރިންނާ ޚިއްސާކުރުމަށް ބޭއްވި މަހާސިންތާއެކެވެ. މިއީ ސަރުކާރުން ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި މަހާސިންތާއެކެވެ.