ކުޅިވަރު

ރަޝްވާނުގެ ކަކުލަށް ލިބުނު އަނިޔާއަށްފަހު، ކުޅުމުގެ ތެރެއަށް އެނބުރި އައުމުގެ މަސައްކަތް ފަށައިފި


ޤައުމީ ޓީމަށާއި ޓީރެކްސް ބާސްކެޓްބޯޅަ ޓީމަށް ކުޅޭ ބާސްކެޓް ކުޅުންތެރިޔާ އިބްރާހިމް ރަޝްވާނުގެ ކަކުލަށް ލިބުނު އަނިޔާއަށްފަހު، ކުޅުމުގެ ތެރެއަށް އެނބުރި އައުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވާ ރަޝްވާންގެ ކަކުލަށް އަނިޔާވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.
ސްރީ ލަންކާގައި މިދިޔަ އަހަރުގެ އޯގަސްޓްމަހު ބޭއްވި ތްރީ-އޮން-ތްރީ މުބާރާތެއްގައި ކުޅެނިކޮށް ރަޝްވާންގެ ކަނައަތު ކަކުލުގެ އެންޓީރިއާ ކްރޫޝިއޭޓް ލިގަމަންޓް އެއްކޮށް ކަނޑައިގެންގޮސް، މެނިސްކަސް އިން ބައެއް އިރައިގެންދިޔައެވެ.
އަނިޔާއަށްފަހު ރިހެބިލިޓޭޝަންގެ މަސައްކަތް ފަށާފައިވާއިރު، ރަޝްވާން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާ ބާސްކެޓްބޯޅަ ޓީމާއެކު ފަރިތަކުރުންތަކުގައިވެސް ބައިވެރިވަމުންނެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވީ، ރަޝްވާން ޤައުމީ ސްކޮޑުގައި ނުހިމެނޭ ކަމަށާއި، ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަނީ އޭނާ އަލުން ފިޓުވުމަށް ހޯދާ އެހީއެއްގެ ގޮތުންކަމަށެވެ.
ވިޝާމް ވިދާޅުވީ، އުއްމީދަކީ ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން ނުވަތަ ސާބާ ޗެމްޕިއަންޝިޕް ފެށެއްވާއިރަށް، ރަޝްވާން މުޅިން ފިޓުވުންކަމަށެވެ.
"ހަވީރު"ން ހޮވި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިއާގެ މަޤާމު 2015 ވަނަ އަހަރު ރަޝްވާން ހޯދިއެވެ.
އޭނާ ވަނީ މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕްގެ މެޗެއްގައި 110 ޕޮއިންޓް ހޯދައި، ރާއްޖޭގައި އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކުރި ކުޅުންތެރިއާގެ ރެކޯޑްވެސް ހަދާފައެވެ.