ކުޅިވަރު

ނިއުޒިލޭންޑް ބަލިކޮށް ޕާކިސްތާން ސެމީ ފައިނަލާއި ގާތަށް


އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ކްރިކެޓް ވަރލްޑް ކަޕްގައި، ވަރުގަދަ ނިއުޒިލޭންޑް ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ކުދާ އުއްމީދު އިތުރުކޮށްފި އެވެ.

ތާވަލުގެ ދެވަނައިގައި އޮތް ނިއުޒިލޭންޑް ޕާކިސްތާނުން ބަލިކުރީ ހަ ވިކެޓުން ނެވެ.

މެޗުގެ ޓޮސް ދިމާވުމުން ނިއުޒިލޭންޑުން ނިންމީ ކުޅުމަށެވެ. އެ ގޮތުން ފުރަތަމަ އިނިންގްސްގައި އެ ޓީމުން ވަނީ ކުޅެން އަރައި ފަންސާސް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 237 ލަނޑު ހަދާފަ އެވެ.

ނިއުޒިލޭންޑުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައި ނުވެ، 112 ބޯޅައިން 97 ލަނޑު ހެދި ޖޭމްސް ނީޝަމް އެވެ.

މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ، 28 ލަނޑަށް 3 ވިކެޓް ނެގި ޝަހީން ޝާހް އަފްރީދީ އެވެ.

ޖަވާބުގައި ކުޅެން އަރައި ޕާކިސްތާނުން ވަނީ، ފަންސާސް އޯވަރު ހަމަވާން ފަސް ބޯޅައަށް ވެފައި ވަނިކޮށް 241 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައި އެވެ. ޕާކިސްތާނުން ނުބައިވީ ހަތަރު ކުޅުންތެރިން ނެވެ.

އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 127 ބޯޅައިން 101 ލަނޑު ހަދައި ސެންޗަރީއެއް ހަމަކުރި ކުޅުންތެރިޔާ، ބާބަރު އަޒަމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އޭނާ އެވެ.

މި މޮޅާކު ޕާކިސްތާނުން ވަނީ، ޕޮއިންޓް ޓޭބަލްގެ ފަސްވަނައިގައި އޮތް ބަންގްލަދޭޝާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ބަންގާޅާއި ޕާކިސްތާނަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އިނގިރޭސިވިލާތް އޮތީ، އަށް ޕޮއިންޓް ހޯދައިގެން ނެވެ.