ކުޅިވަރު

އިންޓަ ސްކޫލް އެތްލެޓިކްސް މީޓް މިއަދު ނިމޭނެ


ގދ. ތިނަދޫގައި ފަށައިގެން ކުރިއަށްދާ 22 ވަނަ އިންޓަ ސްކޫލް އެތްލެޓިކްސް މީޓް މިއަދު ހަވީރު ނިމޭ އިރު މިހާތަނަށް އެންމެ ކުރީގައި އުޅޭނީ އައްޑޫއާއި ފުވައްމުލަކު ސިޓީ އަދި ގދ. ތިނަދޫގެ ސްކޫލުތަކެވެ.

މުބާރާތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު މިއަދު ހެނދުނު ތާވަލްކޮށްފައިހުރީ ފައިނަލް އިވެންޓުތަކެވެ. މިއަދު ހަވީރުވެސް އޮންނާނީ ފައިނަލް އިވެންޓުތަކެކެވެ. އެގޮތުން މިއަދު ހެނދުނު ކުރިއަށްދިޔަ 13 އަހަރުން ދަށުގެ ފިރިހެން ބައިގެ ހާޑް ބޯލް ތްރޯ އިވެންޓުން އެއްވަނަ ހޯދީ ތިނަދޫ ސްކޫލުގެ މުހައްމަދު ޔަފާއު އެވެ. ދެވަނަ ހާފިޒް އަހުމަދު ސްކޫލުގެ އެތްލީޓު މަބްސަރު އަބްދުﷲ ހޯދި އިރު ތިންވަނަ ހޯދީ ދާންދޫ ސްކޫލުގެ އަބްދުﷲ އިޒާން މުހައްމަދެވެ.

މީގެ އިތުރުން 13 އަހަރުން ދަށުގެ ފިރިހެން ބައިގެ 100*4 މީޓަރު ރިލޭ ފައިނަލުގައި އެއްވަނަ ހޯދީ ހާފިޒް އަހުމަދު ސްކޫލުންނެވެ. ދެވަނަ އަބޫބަކުރު ސްކޫލުން ހޯދި އިރު ތިންވަނަ ހޯދީ ތިނަދޫ ސްކޫލުންނެވެ. މި އުމުރުފުައިގެ އަންހެން ބައިގެ 100*4 މީޓަރު ރިލޭއިން އެއްވަނަ ތިނަދޫ ސްކޫލުން ހޯދި އިރު ދެވަނަ ހޯދީ އަބޫބަކުރު ސްކޫލުންނެވެ. ތިންވަނަ ހޯދީ ހާފިޒް އަހުމަދު ސްކޫލުންނެވެ.

އެ އުމުރުފުރައިގެ ފިރިހެން ބައިގެ ޑިސްކަސް ތްރޯގެ ފައިނަލުގައި އެއްވަނަ ހޯދީ ފޭދޫ ސްކޫލުގެ އެތްލީޓު އަހުމަދު އިޔާދު އިދްރީސެވެ. ދެވަނަ ހޯދީވެސް ފޭދޫ ސްކޫލުގެ އެތްލީޓް، މުހައްމަދު އާކިފް ރަޝީދެވެ. ތިންވަނަ މަރަދޫ ސްކޫލުގެ އަބްދުﷲ ރާފީ އެވެ. މީގެ އިތުރުން 13 އަހަރުން ދަށުގެ ހާޑް ބޯލް ތްރޯ އިވެންޓުން އެއްވަނަ ތިނަދޫ ސްކޫލުގެ އެތްލީޓު އާމިނަތު ޒިފްނާ ހޯދި އިރު ދެވަނަ ހޯދީ ފުވައްމުލަކު ސްކޫލުގެ ހައްވާ ޒުހާ ނަސީރެވެ. ތިން ވަނަ ހޯދީ މާމެންދޫ ސްކޫލުގެ މަރިޔަމް މިޝްގާ އެވެ.

މިއަދު ހެނދުނު ފަނަރަ އަހަރުން ދަށުގެ ފައިނަލް ތިން އިވެންޓެއް ކުރިއަށް ގެންދިޔަ އިރު، އެ އުމުރުފުރައިގެ އަންހެން ބައިގެ ލޯންގް ޖަމްޕް އިން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލުގެ އައިޝަތު ޝާއިމް އެވެ. ދެވަނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އާމިނަތު އިމާނީ އަބްދުﷲ ހޯދި އިރު ތިންވަނަ ހޯދީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދެވެ.

އެ އުމުރުފުރައިގެ ފިރިހެން ބައިގެ 100*4 މީޓަރ ރިލޭ އިން އެއްވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒެވެ. ދެވަނަ ޏ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދި އިރު ތިން ވަނަ ހޯދީ މުހައްމަދު ޖަމާލުއްދީން ސްކޫލުންނެވެ. 15 އަހަރުން ދަށުގެ އަންހެން ބައިގެ 100*4 މީޓަރ ރިލޭއިން އެއްވަނަ ހޯދީ ދާންދޫ ސްކޫލެވެ. ދެވަނަ ޏ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދި އިރު ތިން ވަނަ ހޯދީ ފުވައްމުލަކު ސްކޫލުންނެވެ.

17 އަހަރުން ދަށުގެ އުމުރުފުރާއިން ތިން އިވެންޓެއްގެ ފައިނަލު މިއަދު ހެނދުނު ބޭއްވި އިރު އޭގެ ތެރެއިން 100*4 މީޓަރ ރިލޭގެ ފިރިހެން ބައިން އެއްވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ދެވަނަ ޏ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދި އިރު ތިން ވަނަ ހޯދީ ޝަރަފުއްދީން ސްކޫލުންނެވެ. އެ އިވެންޓުގެ އަންހެން ބައިން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލުންނެވެ. ދެވަނަ ހާފިޒް އަހުމަދު ސްކޫލުން ހޯދި އިރު ތިން ވަނ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ.

ނަވާރަ އަހަރުން ދަށުގެ އުމުރުފުރައިން ކުރިއަށް ދިޔައީ ފިރިހެން ބައިގެ 100*4 މީޓަރ ރިލޭ އެވެ. އެ އިވެންޓުން އެއްވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ދެވަނަ ވަނަ އައްޑޫ ހައި ސްކޫލުން ހޯދި އިރު ތިންވަނަ ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންނެވެ.