ޚަބަރު

ފުވައްމުލަކު ކުނިކޮށި ހުސްކުރުމަށް އެމްއާރުޑީސީ އާއި ހަވާލުކޮށްފި


ފުވައްމުލަކު ކުނިކޮށްޓަށް މިހާރު ޖަމާވެފައިހުރި ކުނި ހުސްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝާނާ ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމްއެވެ. އަދި މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް ނަޒީމްއެވެ.މި އެއްބަސްވުމުގެ ދަށުން، ފުވައްމުލަކު ކުނިކޮށީގައި މިހާރު އޮތް ބޮޑު ކުނިފުނި ފުރާނާ، އޭގެ ތެރެއިން ތަފާތު ބާވަތްތަކުގެ ކުނި ވަކިކޮށް ކުނިކޮށި ހުސްކުރެވޭނެއެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވީ، ކުނިކޮށީގައި ހުރި ކުނިފުނި ހުސްކުރުމުން ފުވައްމުލަކު ރައްޔިތުންނަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބި ކުނިކޮށި ހުސްކުރެވުމުން އެރަށުގެ ކުނި ނައްތާލުމުގެ މަސައްކަތަށް އިތުރު ލުއިކެމެއް ލިބިގެންދާނެ ކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް ނަޒީމް ވިދާޅުވީ، ފުވައްމުލަކުގެ ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ރޯދަމަހަކީ ކުނި އުފެދޭ މިންވަރު ގިނަ މަހެއް ކަމުން، ކުނިކޮށި ހުސްކުރުމުގެ މަސައްކަތް އަވަސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ނަޒީމް ވިދާޅުވިއެވެ. މި މަސައްކަތަކީ ''ސާފު ރާއްޖެ'' މިޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.