ނޮޅިވަރަމުން ގޯތި ދޫނުކުރެވި ލަސްވަމުންދަނީ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކާ ގުޅޭގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތު ސާފުކޮށް ނުނިމޭތީކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ނޮޅިވަރަމް ކައުންސިލުން މިހެން ބުނެފައިވަނީ ނޮޅިވަރަމުން ގޯތި ދޫކުރުން ލަސްވަމުންދާތީ އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު ކައުންސިލް ކައިރިއަށް އެއްވެ އެކަމާ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.
މިކަމާ ކަންބޮޑުވުންފާޅުކޮށް ކައުންސިލްދޮށަށް އެއްވި މީހުން ބުނީ މި އަހަރު ޖެނުއަރީމަހު އިއުލާނު ކުރި 75 ގެވަޅަށް ގިނަ އަދަދެއްގެ ރައްޔިތުން ފޯމްލާފައިވާއިރު މިއަދާ ހަމައަށް ވެސް އެއްވެސް ޖަވާބެއް ކައުންސިލުން ދީފައިވާ ނުވާކަމަށެވެ. އަދި 75 ގެވަޅު ދޫކުރާނެ ސަރަހައްދުވެސް ކައުންސިލުން ފާސްކޮށްފައިވާކަމަށެވެ. އަދި ގޯތި ބޭނުންވެފައިތިބި ގިނަ ބަޔަކު އެބަތިބިކަމަށާ މި ކަމަކީ ރަށުގެ އިޖުތިމާޢީ މައްސަލަތަކާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.
މިކަމާބެހޭގޮތުން ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ގެވަޅު ދޫކުރާނެ ވަކި ތާރީޚެއް ބުނުމަށް ރައްޔިތުން އެދުނު ނަމަވެސް، ގޯތި ދޫކުރުމުގެ ކުރިން ނިންމަންޖެހޭ ބައެއް ކަންކަން ހުރުމާއެކު ވަކި ތާރީޚެއް އަދި ބުނަން ދަތި ކަމަށެވެ. ރަޝީދު ވިދާޅުވީ މި ކަމަކީ ގިނަ މަޢުލޫމާތުތަކެއް ސާފުކޮށްގެން ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ފޯމު ހުށަހެޅި މީހުންގެ ތެރެއިން އަބިމީހާ ނުވަތަ ފިރިމީގެ ނަމުގައި ރާއްޖޭގެ އެއްވެސް ތަނެއްގައި ބިމެއް ފުލެޓެއް ނުވަތަ ގޯޗެއް އޮތްތޯ ބެލުމަށް މައުލޫމާތު ސާފުކުރަމުންދާކަމަށާ މި ކަމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އެމައުލޫމާތުތަށް ނޮޅިވަރަމް ކައުންސިލުން ސާފުކުރަމުންގެންދަނީ އަތޮޅުކައުންސިލް މެދުވެރިކޮއްކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.
ނޮޅިވަރަމްގައި އެންމެ ފަހުން ގެވަޅު ދިނުމުގެ ހުއްދަ ކައުންސިލަށް ދީފައިވަނީ މިދިޔަ އަހަރުއެވެ. އެއީ 75 ގެވަޅެވެ. ނޮޅިވަރަމްގައި ގެވަޅު ދޫނުކުރާތާ މިހާރު 9 އަހަރު ވަނީ ވެފައެވެ.