ކުޅިވަރު

ވޮލީގެ 4 ކޯޗަކަށް ސާބިޔާގައި ތަމްރީން ހެދުމުގެ ފުރުސަތު


ރާއްޖޭގެ ހަތަރު ވޮލީ ކޯޗަކަށް ސަރބިޔާގައި ތަމްރީންހެދުމުގެ ފުރުސަތު ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ.
ސަރބިޔާގެ ބޮޑުވަޒީރުގެ ނާއިބުގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި ސަރބިއަން ވޮލީ ފެޑެރޭޝަންގެ ރައީސާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މަޙުލޫފް ވިދާޅުވީ، ރާއްޖޭގެ ހަތަރު ވޮލީ ކޯޗަކަށް، ސަރބިއަން ވޮލީ ލީގުގައި ކުޅޭ ޓީމުތަކާއެކު، އެ ޤައުމުގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ.
އަދި ރާއްޖޭގައި ވޮލީބޯޅަ އޮތް ހާލަތާއި، އެ ކުޅިވަރު ކުރިއެރުވޭނޭ ގޮތްތައް ބެލުމަށް ސަރބިއަން ވޮލީ ފެޑެރޭޝަންގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ މަޙުލޫފް ވިދާޅުވިއެވެ.

ސަރބިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ މަޙުލޫފް ވަނީ ރާއްޖޭގެ ސީނިއަރ ޤައުމީ ވޮލީބޯޅަ ޓީމަށް ސަރބީޔާގައި ތަމްރީން ހެދުމުގެ ފުރުސަތު ހޯއްދަވައިދެއްވާފައެވެ.

ސަރބިޔާގައި ރާއްޖޭގެ ވޮލީ ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ތަނަށް ޒިޔާރަށްކުރައްވާ، އެ ތަނުގެ ފޮޓޯތަކާއެކު ކުރެއްވި ޓްވީޓެއްގައި މަޙުލޫފް ވިދާޅުވީ، ތަމްރީނުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތަނުގައި އެންމެ ފަހުގެ ވަޞީލަތްތައް ޤާއިމުކޮށްފައި އެބަހުރިކަމަށެވެ.
އަދި މި ޓްރެއިނިންގ ކޭމްޕުގައި ކުވައިތާއި ސަރބިޔާގެ ޓީމުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާކަމަށް މަޙުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޤައުމީ ފިރިހެން ވޮލީ ޓީމު ސަރބިޔާގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ، މި އަންނަ ޖުލައި މަހުގެ ތިނަކުން ސާދައަށެވެ.