ސިޔާސީ

ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމަށް އެމްޑީޕީން ކުރަންހުރި މަސައްކަތް އަދިވެސް ގިނަ- ރައީސް


ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމަށް އެމްޑީޕީން ކުރަންހުރި މަސައްކަތް އަދިވެސް ވަރަށް ގިނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި އެޕާޓިގެ މެންބަރުންނަށް ތަޙްނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވަނީ އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ ތަޙުނިޔާ، އެމްޑީޕީގެ އެހާރާއި މިހާރުގެ މެންބަރުންނަށް އަރިސްކުރައްވާފައެވެ. އަދި ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމަށް ވޭތުވެދިޔަ 14 އަހަރު ޕާޓީގެ ހުރިހާ މެންބަރުން އެތައް ޤުރުބާނީއެއް ވެފައިވާކަމަށާއި، ކުރަންހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު އެމްޑީޕީ ހަރުގޭގައި ބޭއްވި ދިދަނެގުމުގެ ހަރަކާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންފައިވެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ އެމްޑީޕީ އުފެއްދުމުގައި މުހިންމު ދައުރެއްވެސް އަދާކުރެއްވި ބޭފުޅޭކެވެ. އަދި އެމަނިކުފާނު ވަނީ އެމްޑީޕީގެ މެންބަރުކަމުގައި ހުންނަވައިގެން އެޕާޓިގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައެވެ.

މިއީ 2008 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީގެ ދަށުން އެމްޑީޕީން ވެރިކަންކުރާ ދެވަނަ ފަހަރެވެ. އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ގިނަ މެންބަރުން ތިބި ޕާޓީވެސްމެއެވެ.