ސިޔާސީ

ރަސްދީ ދަތުރުފުޅެއްގައި ޝާހިދު ބެލްޖިއަމްއަށް


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބެލްޖިއަމްއަށް ވަޑައިގެންފިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޝާހިދު، ޔޫރަޕިއަން ޕާލަމެންޓާއި، ޔޫރަޕިއަން ކޮމިޝަންގެ އިތުރުން ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ.

މި ބައްދަލުކުރެއްވުންތަކުގައި މޫސުމީ ބަދަލުތަކާއި، ޓެރަރިޒަމާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ޑިމޮކްރަސީ ވަރުގަދަކުރުމުގެ އިތުރުން ގަވަރނަންސް އަދި އިދާރާތައް ހަރުދަނާކުރުމުގެ ދާއިރާތަކުން މަޝްވަރާތައް ކުރައްވާނެއެވެ.

މިނިސްޓަރ ޝާހިދު ބެލްޖިއަމްއަށް މި ވަޑައިގަތީ ރަޝިޔާއަށް ވަޑައިގަތުމަށްފަހުއެވެ. މިނިސްޓަރ ވަނީ ރަޝިއާއަށް އެތެރެވުމަށް ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި ރަޝިޔާއަށް ދިވެހި މަސް އެކްސްޕޯޓްކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް ލުއި ގޮތްތަށް ފަހިކުރުމަށްވެސް ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިނިސްޓަރ ޝާހިދު ބެލްޖިއަމްއަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤް ބައިވެރިވެވަޑައިގަންނަވައެވެ.