ކުޅިވަރު

ޒުވާން ޓީމުތަކަށް އަމާޒުކޮށްގެން ގިނަ މުބާރާތްތަކެއް ރޭވިފައި އެބަހުރި - އެފްއޭއެމް


މި އަހަރުގެ ތެރޭގައި ޒުވާން ޓީމުތަކަށް އަމާޒުކޮށްގެން ގިނަ މުބާރާތްތަކެއް ރޭވިފައި އެބަހުރިކަމަށާއި އެހެންނަމަވެސް އެ މުބާރާތްތަކަށް ދިއުމާމެދު ގޮތެއް ނިންމާނީ ކުޅުންތެރިންގެ ބެލެނިވެރިންކަމަށް އެފް.އޭ.އެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އަހުމަދު ޝަރީފް މިހެން ވިދާޅުވީ، ޕީ.އެސް.އެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނެވެ. ޝަރީފު ވިދާޅުވީ، ޒުވާން ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ހޯދައިދީ، ބައިނަލްއަޤުވާމީ ތަޖުރިބާ ހޯދައިދޭން ބޭނުންވާ ކަމަށެވެ.

އެހެންނަމަވެސް މި ދުވަސްކޮޅަކީ ކިޔެވުމަށްވެސް ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭން ޖެހޭ ދުވަސްކޮޅަކަށްވާތީ، ޒުވާން ޓީމުތައް ބޭރުގެ މުބާރާތްތަކަށް ދިއުމުގެ ކުރިން، އެކަމަށްވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މިގޮތުން ސޯޅަ އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނަށް މި އަހަރަކީ އޯލެވަލް ހަދާ އަހަރަށްވެފައި، ކިޔެވުމަށްވުރެ ބޮޑަށް ކުޅިވަރަށް ކުދިން އިސްކަންދޭން ބޭނުންނުވާކަމަށާއި، މި އަހަރުގެ ފަހުކޮޅު އޮންނަ މުބާރާތްތަކުގައި ބައިވެރިވުމާމެދު ގޮތެއް ނިންމާނީ މުބާރާތުގައި ކުޅެންތިބި ކުޅުންތެރިންގެ ބެލެނިވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްހެން ބަލަންޔާ އަޅުގަނޑުމެންނަށް ފުދޭވަރެއްގެ ދަތިތަކެއް އެބަހުރި މި ސްކޫލް ކަލަންޑަރ އިން ގޮތާއި، އެކުދިންގެ އެގްޒާމް އިން ހިސާބާއި މުބާރާތް ރޭވިފައި އިން ހިސާބު. އަޅުގަނޑުމެންގެ އަތްމައްޗަކުން ނޫން އިންޓަރނޭޝަނަލް މުބާރާތްތައް މި އޮންނަނީކީ، އެބޭފުޅުން ނިންމާ ޑޭޓަކަށް އަޅުގަނޑުމެން ދާން މި ޖެހެނީ. ދާ އިރު ބައެއް ފަހަރު އެކުދިންގެ އެގްޒާމް ގެއްލިގެން މިދަނީ. އެހެންވީމަ ހުރިހާ މުބާރާތަކަށް އަޅުގަނޑުމެންނަށް ނުދެވިދާނެ. އެކަމަކު ފުރުސަތު އެބައޮތް ހުރިހާ މުބާރާތަކަށްވެސް ދިއުމުގެ. ހަމަގައިމުވެސް މި އަހަރު ސޯޅަ އަހަރުން ދަށުގެ ޤައުމީ ޓީމު ކުޅޭނެ 3 އިންޓަރނޭޝަނަލް މުބާރާތް". އަހުމަދު ޝަރީފް )ޑުންގާ( ވިދާޅުވި އެވެ.

އަދި އެ ކުޅުންތެރިންގެ ކިޔެވުމަށް ބުރުނާރާނެކަމުގެ ޔަޤީންކަން ބެލެނިވެރިންނަށް އޮވެއްޖެނަމަ، އެފް.އޭ.އެމުން އެ ޓީމު މުބާރާތްތަކަށް ގެންދަން އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.