ކުޅިވަރު

ތައިލޭންޑް ބަލިކޮށް އައިސީސީ ގްލޯބަލް ރޭންކިން ޓީ-20 ބައިނަލްއަޤުވާމީ މުބާރާތަކުން ރާއްޖެ ފުރަތަމަ ފަހަރަަށް މޮޅެއް ހޯދައިފި


މެލޭޝިއާ ޓީ-ޓްވެންޓީ ޓްރައި-ސީރީސްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ތައިލޭންޑުގެ މައްޗަށް ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް ކުރިހޯދައިފިއެވެ.

މެލޭޝިޔާގައި ކުޅޭ މުބާރާތުގައި ރާއްޖެއިން ތައިލޭންޑުގެ މައްޗަށް ކުރިހޯދީ ދެ ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ތައިލޭންޑުން ނިންމީ ކުޅެންނެވެ. ކުޅެން އަރައި އެ ޓީމުން ވަނީ، ވިހި އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހަދާފައެވެ.
އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި ނަވީދް ޕަތަން އެވެ. މި އިނިންގްސްގައި ރާއްޖެއިން އެންމެ ރަނގަޅަށް އުކީ 17 ލަނޑަށް ތިން ވިކެޓު ނެގި އުމަރު އާދަމެވެ.

ޖަވާބުގައި ކުޅެން އަރައި ރާއްޖެއިން ވަނީ، ވިހި އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން، 131 ލަނޑު ހަދާ، މެޗު ކާމިޔާބުކޮށްފައެވެ. ރާއްޖެއިން ޓާގެޓް ހަމަކުރީ އެންމެ ފަހު ބޯޅައިން ދެ ލަނޑު ހަދައިގެންނެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދު ނިލަންތަ ކޫރޭއެވެ. އޭނާ ވަނީ 34 ބޯޅައިން 40 ލަނޑު ހަދާފައެވެ.

މިއީ ރާއްޖެއިން އައި.ސީ.ސީ ގްލޯބަލް ރޭންކިން ޓީ-ޓްވެންޓީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ.