ޚަބަރު

ޒުވާނުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމަށް ފެއަރއެއް


ޓެކްނޮލޮޖީއަށް ޒުވާނުން އަހުލުވެރިކުރުވުމަށް "ޔޫތު ޓެކް ފެއަރ 2019" ކުރިއަށްގެންދަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން މިހާރުވަނީ މި ފެއަރއަށް ބައިވެރިން ހޯދަން އިއުލާންކޮށްފައެވެ. މި ފެއަރގައި ބައިވެރިވުމުގެ ފަހު ތާރީޙަކީ ޖުލައި މަހުގެ 18 ވަނަ ދުވަސް ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.

މި ފެއަރ އަކީ ޔޫތު މިނިސްޓްރީއާއި އުގައިލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ ފެއަރއެކެވެ. "ޔޫތު ޓެކް ފެއަރ 2019"ގެ ނަމުގައި ފެއަރއެއް ކުރިއަށްގެންދިޔުމުގެ މައިގަނޑު މަޤްޞަދަކީ ޓެކްނޮލޮޖީއަށް ޒުވާނުން އަހުލުވެރިކުރުވުން ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.

ޔޫތް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ އަޙްމަދު އިރާޝް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މި ފުރުޞަތަކީ ޒުވާނުންނަށް ހުޅުވާލެވޭ މުހިންމު ފުރުޞަތެއް ކަމަށެވެ. ފަސް ދާއިރާއަކުން މައުލޫމާތުދީގެން ކުރިއަށްގެންދާ މި ފެއަރގައި 16 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ބައިވެރި ވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިމަހުގެ 30 ވަނަ ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް ޔޫތް ސެންޓަރުގައި މިކަމާ ގުޅޭ ވެބް ކޮންފަރެންސްއެއްވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސުން ހޮވާލެވޭ ފަސް ފަރާތަކަށް އުކުޅަހުގައި ކުރިއަށްދާ ސައިންޓިސްޓުންގެ ފޯރަމްގައި ބައިވެރިވެވޭނެ ކަމަށް އިރާޝް ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީން އަންނަނީ ޒުވާނުންނާއި ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމް "ޒުވާޏުންގެ ހޮޅުއަށި" އަކީވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ޕްރޮގްރާމެކެވެ.