ސިޔާސީ

ތިނަދޫ ކޯޓްގެ މެޖިސްޓްރޭޓް ފަނޑިޔާރުކަމުން ވަކިކޮށްފި


ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކޮށްފިއެވެ. އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމަށް ފާސްވީ ވޯޓްގައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

މީ އާ ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހުން ނިންމި ފުރަތަމަ ފަހަރެވެ. ޤާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ރައްޔިތުން މަޖިލީހުން ނަގާ ވޯޓަކުންނެވެ. އަދި އެ ފަނޑިޔާރަކުން މަޤާމުން ވަކިވިކަމަށް ކަނޑައަޅަނީ ވޯޓްގައި ބައިވެރި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

އޭނާ މަޤާމުން ވަކިކޮށްފައިވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސްލޫކީ މައްސަލައެއް ބެލުމަށްފަހުއެވެ. ފަނޑިޔާރުކަމުގެ މަޤާމުން އިބްރާހިމް ރަޝީދު ވަކިކުރީ ބޭއަދަބީ ބަސްތަކުން އަންހެނަކާއި މުޚާތަބުކުރި މައްސަލައެއްގައިކަމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ތަހުގީގު ރިޕޯޓުގައިވެއެވެ.

އިބްރާހީމް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކޮށްފައިވާއިރު، 2016 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޭނާ މިހާތަނަށް ހުންނެވީވެސް ސަސްޕެންޑްކޮށްފައެވެ. އިބްރާހީމް ރަޝީދު ވަނީ 2016 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް މިހާތަނަށް ދޫކޮށްފައިހުރީ ހައިކޯޓުގެ ޢަމުރެއެގެ ދަށުންނެވެ.