ޚަބަރު

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އައްޑޫ ސިޓީގައި މަނާކުރަނީ


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އަންނަ އަހަރުން ފެށިގެން އައްޑޫ ސިޓީގައި ބޭނުންކުރުން ހުއްޓާލުމުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިގޮތަށް ނިންމާ އައްޑޫ ސިޓީ ކައުންސިލުން ފާސްްކޮށްފައިވާ ޤަރާރުގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީއަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކް ބޭނުން ނުކުރާ ސިޓީއަކަށް ހަދަން ނިންމާފައިވާ ކަމަށެވެ.

މިކަމާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞޯދިޤް ވިދާޅުވީ މިއީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަން ނިންމި ކަމެއްކަމަށެވެ. އަދި އެގޮތަށް ނިންމީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން ހުއްޓާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތަކަށް ވުމުން އެކަމަށް އިޖާބަދީ ތަރުހީބު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އައްޑޫ ސިޓީގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް ދެމެހެއްޓެނިވި ތަރައްޤީއެއް ގެނައުމަށްޓަކާއި އޮތް އެންމެބޮޑު ހުރަހަކީވެސް ފްލާސްޓިކް ކަމަށް މޭޔަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީވެސް ވެށީގެ ބޭނުން އެންމެ ފުރިހަމަ އަށް ބޭނުންކޮށްގެން ކުރިއަށް ތަރައްޤީވާ ސިޓީ އަކަށްވުން. އެގޮތުން ތިމާވެއްޓާއި ރަހްމަތްތެރިކޮށް ކުރެވޭ ހުރިހާ ކަމަކީވެސް އަޅުގަނޑުމެން އިސްނަގައިގެން ކުރަން ބޭނުންވާ ކަންތައް. " މޭޔަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ޕްލާސްޓިކު ބޭނުންކުރުން ހުއްޓާލުމަށްޓަކައި ޓައިމްލައިނެއް އެކުލަވާލާ އެ މަސައްކަތް ކުރިއަށްގެންދަން ރާވާފައިވާގޮތްވެސް ހާމަކޮށްފައެވެ. އެގޮތުން މި މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ އެކި ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ.

މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2019 އިން ފެށިގެންނެވެ. އެގޮތުން އެދުވަހުން ފެށިގެން އައްޑޫ ސިޓީގެ ވަކި ތަންތަނެއްގައި އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް ބޭނުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.

1 ޖުލައި 2019އިން ފެށިގެން އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް ބޭނުން ހުއްޓާލާ ތަންތަން:

  • އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ އަދި ޤާއިމްކުރެވޭ ހުރިހާ ތަޢުލީމީ މުއައްސަސާތަކާއި، އަދި އެހެނިހެން މުއައްސަސާތައް
  • ދައުލަތުގެ ޙިއްސާ އޮންނަ އެންމެހާ ކުންފުނިތައް
  • އައްޑޫގައި ބާއްވާ ކުޅިވަރު މުބާރާތްތަކާއި އެކި ޝޯވތައް
  • ފެސްޓިވަލްތަކާއި ޕާޓީތައް
  • އިވެންޓްތަކާއި ރޯޑް ޝޯވ ފަދަ ޙަރަކާތްތައް


31 ޑިސެމްބަރ 2019އިން ފެށިގެން އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް ބޭނުން ހުއްޓާލާ ތަންތަން:

  • އައްޑޫ ގެ ހުރިހާ ސިޓީހޮޓާތަކާއި ގެސްޓް ހައުސްތައް
  • އައްޑޫ ގެ ހުރިހާ ރިސޯޓުތައް
  • އައްޑޫ އިންޓަރނޭޝަނަލް އެއަރ ޕޯރޓު
  • އައްޑޫގެ ހުރިހާ ސިއްޙީ ޚިދުމަތްދޭ މުއައްސަސާތައް
  • އައްޑޫގެ މަސް ދޯނި ފަހަރާއި ދަތުރު ފަތުރު ކުރުމުގެ ޚިދުމަތް ދޭ އެއްގަމާއި ކަނޑުގެ ހުރިހާ ބާވަތެއްގެ އުޅަނދުތައް


05 ޖޫން 2020އިން ފެށިގެން އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް ބޭނުން ހުއްޓާލާ ތަންތަން:

  • އައްޑޫގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ހުރިހާ ތަންތަން
  • އައްޑޫގައި ވިޔަފާރީގެ ޚިދުމަތް ދޭ ހުރިހާ ތަންތަން
  • އައްޑޫގެ ހުރިހާ ގޭބިސީ ތަކާއި އައްޑޫގެ ޢާންމު ތަންތަން


މި މަސައްކަތާއެކު 5 ޖޫން 2020 އިން ފެށިގެން މުޅި އައްޑޫ ސިޓީއަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލަން ޖެހޭ ޕްލާސްޓިކް އެއްވެސް ވަރަކަށް ބޭނުން ނުކުރާ ސިޓީއަކަށް ވެގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އަދި މިއާއެކު 05 ޖޫން 2020 ގެ ފަހުން އެއްފަހަރު ބޭނުން ކޮށްފައި އުކާލަން ޖެހޭ ޕްލާސްޓިކް އައްޑޫ ސިޓީގައި ބޭނުން ކުރުމަކީ މަނާ ކަމެއްކަން ރަސްމީކޮށް ކަނޑައެޅިގެންދާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.