ދުނިޔެ

ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 66 އަރައިފި


ނޭޕާލަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ފަސްދޮޅަސް ހަޔަކަށް އަރައިފިއެވެ.ނޭޕާލްގެ ކާރިސާތަކާއި ބެހޭ މައި އިދާރާއިން ހާމަކުރާ ގޮތުގައި، މައުންޓް އެވަރެސްޓް ސަރަހައްދަށް އިއްޔެ އައި މި ބިންހެލުމުގައި ޒަޚަމްވީ މީހުންގެ އަދަދުވެސް މިހާރުވަނީ ދެހާހަށް ވުރެ މައްޗަށް އަރާފައެވެ.ރިކްޓަރ މިންގަނޑުން ހަތެއް ޕޮއިންޓް ހަތަރެއްގެ ބާރު މިނުގައި އިއްޔެ އައި މި ބިންހެލުމުގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ގެތަކާއި އިމާރާތްތައް ވެއްޓުމުގެ ޙާދިސާތަކުގައި ގިނަ ބަޔަކު އަދިވެސް ވީ ނުވީއެއް ނޭގި ގެއްލިފައިވާ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.މީހުން ހޯދުމުގެ މަސައްކަތުގައި އެމަޖެންސީ ރެސްޕޮންސް ޓީމްތައް ހަރަކާތްތެރިވަމުން ދާއިރު، މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމެރިކާގެ ވައިގެ އުޅަނދެއް ވަނީ ގެއްލިފައެވެ.އިއްޔެގެ ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު އަވަށްޓެރި އިންޑިޔާއާއި ބަންގްލަދޭޝްގެ ސަރަހައްދުތަކަށްވެސް ކޮށްފައިވާ ކަމަށާއި އިންޑިއާއިންވެސް ސަތާރަ މީހަކު މަރުވެފައިވާ ކަމަށް ޚަބަރުލިބެއެވެ.