ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 ފަނޑިޔާރުންނަށް ބަދަލުކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު ވިދާޅުވީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް ޤާނޫނަށް ހުށަހަޅާ އިސްލާހު މިހަފްތާ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އަށް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވަނީ 5 ފަނޑިޔާރުންނެވެ.
ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެމްބަރ 2008 ގައެވެ. އޭރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަނުކުރެއްވީ 5 ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަބްދުﷲ ސަޢީދުއެވެ.
ނަމަވެސް 2010 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އަށް ބަދަލުކޮށް، އަލުން ފަނޑިޔާރުން އައްޔަންކުރެއްވިއެވެ. އެފަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އަހުމަދު ފާއިޒް ހުސައިންނެވެ.
އޭގެފަހުން އަނެއްކާވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ބަދަލުކުރުމަށް 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ޤާނޫނު އިސްލާހުކުރިއެވެ. އެފަހަރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު 5 އަށް ކުޑަކުރުމުން، މަޤާމު ގެއްލުނީ އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިންއާއި ފަނޑިޔާރު މުޢަތަސިމް އަދުނާންއެވެ. އަދި 2014 ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަނެއްކާވެސް އަބްދުﷲ ސަޢީދު އައްޔަނުކުރެއްވިއެވެ.
ނަމަވެސް ޖީނާޢީ ކުށެއްގެ ސާބިތުވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރަަކަށް ހުންނެވި އަބްދުﷲ ސަޢީދު ފަނޑިޔާރުކަމުން ވަކިކޮށް، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މިހާރު އެމަޤާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ 28 ވަނަ ދުވަހުއެވެ.