ދުނިޔެ

ޔަމަންގައި ހާލުގައިޖެހިފައިތިބި މީހުންނަށް އެހީވުން މުހިންމު


ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޔަމަންގެ އެތައް މިލިޔަން ބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުން އިއްޔެ ހެނދުނުން ފެށިގެން ތަންފީޒު ކުރަމުން ދިޔަނަމަވެސް ބައެއް ޞަރަޙައްދުތަކުގައި އަދިވސް ޙަމަލާ ބަދަލު ކުރަމުންދާތީ އދން އެކަމާ ކަންބޮޑުވާކަން ފާޅުކޮށްފިއެވެ.ޔަމަނުގެ މަޞްރަޙާއި ބެހޭ ގޮތުން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ވާހަކަފުޅު ދައްކަވަމުން،ރެފިއުޖީންނާއި ބެހޭ އދ ގެ ހައިކޮމޮޝަނަރގެ ތަރުޖަމާނު އެޑްރިއަން އެޑްވާޑްސް ވިދާޅުވީ، ޔަމަނުގެ ދާޚިލީ ހަމަނުޖހުމުގެ ތެރޭގައި ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ ތިންސަތޭކަ ހާސް މީހުން އެބަތިބި ކަމަށާއި މިދަނޑިވަޅުގައި މިމީހުންނަށް އިންސާނީ އެހީ ދިނުން ވަރަށް މުހިންމު ކަމަށެވެ.ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުން އިއްޔެ ހެނދުނުން ފެށިގެން ތަންފީޒު ކުރަމުން ދާއިރު ހުރިހައި ފަރާތްތަކުން މި އެއްބަސްވުމަށް އިހްތިރާމް ކޮށް އެކަށިގެންވާ ގޮތެއްގައި ތަންފީޒް ކުރުމަށް ތަރުޖަމާނު ގޮވާލެއްވިއެވެ.އޭނާ ވިދާޅުވީ، ޙަމަލާ ބަދަލު ކުރުން ހުއްޓާލާ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ބައިނަލް އަޤްވާމީ މުއާހަދާތަކާއި ޤަރާރުތަކާއި ޤާނޫންތަކާއި އެއްވެސް ޙާލެއްގައި ޚިލާފް ވެގެން ނުވާނޭކަމަށެވެ. އަދި މިދަނޑިވަޅުގައި ހުރިހައި ފަރާތަކުންވެސް އެންމެ އިސްކަމެއް ދޭންވީ ޙާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުމަށް ކަމަށެވެ. އަދި އެހީގެ މަސައްކަތައް ބުރޫ އަރާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނޭކަމަށް އދ ގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.އޭނާ ވިދާޅުވީ،ފަސް  ދުވަހުގެ މުއްދަތައް ޙަމަލާތައް ހުއްޓާލުމުގެ މިފުރުސަތުގެ ބޭނުންކޮށްގެން އދ.ން  އެތައް ހާސްޓަނެއްގެ އިންސާނީ އެހީގެ ތަކެތި ވައިގެ މަގުންނާއި ކަނޑު މަގުން ޔަމަނަށް އެތެރެކުރަމުންދާކަމަށެވެ. މީގެތެރޭގައި ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް ސާމާނާއި ވަގުތީ ހިޔާގެ ގޮތުގައި ބޭނުންކުރާ ފޭލިގެތަކާއި އަންނައުނާއި ސާފުތާހިރު ވުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ.އދ އާއި އިންސާނީ ހިލޭ އެހީދޭ ޖަމާއަތްތަކުން އެހީގެ ކަންކަން ކުރިޔަށްގެންދާއިރު،ބައެއް ޞަރަަޙައްދުގައި ޙަމަލާ ބަދަލު ކުރުން ކުރިޔަށްގެންދާތީ އދއިން ވަނީ ކަންބޮޑުވާކަން ފާޅުކޮށްފައެވެ. އެއްގަމު މަގުން ބައެއް ޞަރަޙައްދުތަކުގައި ޙަމަލާ ބަދަލު ކުރުންތައް މިއަދު ދިއުމާއި ގުޅިގެން އދ ގެ ސަލާމަތީ މަަޖްލީހުން ވަނީ މިކަން ކުށްވެރިކޮށްފައެވެ. އެ މަޖްލީހުންވަނީ ދެފަރާތުގެ މެދުގައި މަޝްވަރާ ކުރުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އިސްދައުރެއް އަދާ ކުރެއްވުމަށްވެސް ގޮވާލާފައެވެ.ސައޫދީ އަރަބިޔާ އިސްވެ އޮވެ ޔަމަނުގެ ޙޫޘީންނަށް ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން އެގައުމަށް ބޮޑެތި ގެއްލުންތަކެއްލިބި ހާހަކަށްވުރެ ގިނަމީހުން މަރުވެފައިވެއެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު އެތައް މިލިޔަނަކަށް އަރާކަމަށް އދ. ން ބުނެއެވެ.