ކުޅިވަރު

ގާތްގާތުގައި މެޗުތަށް ކުޅެން ޖެހުމުން ރިކަވަރީގެ މައްސަލަ އެބަހުރި - އާތި


ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ރިކަވަރީގެ މައްސަލަތަކެއް ދިމާވާނެކަމަށް އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗް މުޙައްމަދު އާތިފް ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ކުޅޭ ތިންވަނަ މެޗުގައި މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓްރީއާއި ވާދަކުރާ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާތި ބުނީ، ސީޒަނުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅުނު އެއް ޓީމަކަށް ޓީސީ ވާނެ ކަމަށާއި، ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ރިކަވަރީގެ މައްސަލަތަކެއް އެބަހުރިކަމަށެވެ.

އާތި ބުނީ އެއް މެޗަށްފަހު ޖެހިގެން އަންނަ މެޗަށް ތައްޔާރުވާން ލިބެނީ ތިން ވަރަކަށް ދުވަހުގެ ބްރޭކެއް ކަމަށާއި އެހެންކަމުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވިފައި ތިބިކަމަށެވެ.

އާތި ބުނީ އެހެން އަހަރުތަކާއި ޚިލާފަށް ޗެރިޓީ ޝީލްޑް މެޗު ދެލެގަށް ކުޅުމާއި ލީގު ފެށެން ތިންދުވަހަށް ވެފައި ވަނިކޮށް ދެވަނަ ލެގު ކުޅުމުން ޗެރިޓީ ޝީލްޑް މެޗަށްފަހު ލީގުގެ މެޗުތަކަށް ތައްޔާރުވާންވެސް އެކަށީގެންވާ ވަރަށް ވަގުތު ނުލިބުނު ކަމަށެވެ.

"ރިކަވަރީގެ މައްސަލަ އެންމެ ބޮޑުކޮށް މިއުޅެނީ، އެއީ އަސްލު ވަރަށް ގާތްގާތުގަ މެޗުތަށް މި ކުޅެން ޖެހެނީ، އެހެން ފަހަރު ތަކު ޗެރިޓީ ޝީލްޑް މެޗުވެސް މި އޮންނަނީ ލީގު ފެށޭ ތާރީޚުން ފަނަރަ ދުވަސް ކުރިން، އެކަމު މިފަހަރު ދެ ލެގަށް ކުޅެފައި، އަދި ދެވަނަ ލެގު ކުޅެން ޖެހުނީ ލީގު ފެށެން ތިން ދުވަހަށް ވެފައި ވަނިކޮށް، އެހެންވީމަ އެހެން ޓީމުތަކަށްވުރެ ބޮޑަށް ޓީސީއަށް ރިކަވަރީގެ މައްސަލަ ވަރަށް ބޮޑަށް ދިމާވޭ" އާތި ބުންޏެވެ.

ޓީސީ ލީގުގައި ކުޅުނު ފުރަތަމަ މެޗު ވިކްޓްރީ އާއި ވާދަކޮށް 4-0އިން ކާމިޔާބުކުރި އިރު ދެވަނަ މެޗުގައި އީގަލްސް އަތުން 1-1ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.