ވިޔަފާރި

ކުންފުނިތައް ރަޖިސްޓަރީކުރުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅަނީ


ރާއްޖޭގެ ވިޔަފާރީގެ ދަފްތަރުގައި ކުންފުނިތައް ރަޖިސްޓްރީކުރުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރަޖިސްޓްރަރ އޮފް ކޮމްޕެނީސް މަރްޔަމް ވިސާމް ވިދާޅުވީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނަކީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު ވެސް އަމަލު ކުރަމުން އައި ޤާނޫނެއްކަމަށެވެ. ނަމަވެސް މި ޤާނޫނު އޮތްގޮތުން ކުންފުނިތައް ރަޖިސްޓަރކުރުމުގައި އާންމުންނަށްވެސް އަދި މިނިސްޓްރީއަށްވެސް ދަތިތަކާއި ކުރުމަތިވަމުންދާތީ ހަރުދަނާ ނިޒާމަކުން މިކަން ކުރުމަށް މިނިސްޓްރީން ނިންމާފައިވާކަމަށެވެ. އެގޮތުން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނަށް ބަދަލުގެނައުމަށް އަވަސް މުސްތަޤްބަލެއްގައި ހުށަހަޅާނެކަމަށް ވިސާމް ވިދާޅުވިއެވެ.

" ވަރަށް ކައިރި މުސްތަޤްބަލެއްގައި އަޅުގަނޑުމެން އެބަ އިސްލާހެއް ހުށަހަޅަން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނަށް. މި ހުށަހަޅާ އިސްލާހުގެ ނަތީޖާއެއްގެ ގޮތުން ވެސް އަޅުގަނޑުމެން ޤަބޫލުކުރަނީ ދަފްތަރުގައި ހުންނަ މަޢުލޫމާތުތަކަކީ ފަސޭހައިން އާންމުންނަށް ލިބޭނެ މަޢުލޫމާތުތަކަކަށް ހެދުން. ހަމައެޔާއެކު ދަފްތަރަށް މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކާއި އަދި ވިޔަފާރިތަކަށް ވެސް ފަސޭހައިން އިލޮކްޓްރޯނިކް ނިޒާމަކުން މަޢުލޫމާތު ފޯރުކޮށްދޭނެ ނިޒާމަކަށް ހެދުން." ރެޖިސްޓްރަރ މަރިޔަމް ވިސާމް ވިދާޅުވިއެވެ.

ކުންފުނިތައް ރަޖިސްޓްރީކުރުމުގެ ޤާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ވިޔަފާރިތަކުގެ މަޢުލޫމާތު އާންމުންނާއި ހަމައަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިސްލާހެއް ކަނޑައެޅުމާއި ކުންފުނީގެ ނަން ކިޔުމުގައި އަމަލުކުރާ އިޖުރާޢަތަށް ބަދަލު ގެނައުމާއި، ކުންފުނިތަކުގެ މަސައްކަތްތައް ފަސޭހަކޮށްދިނުމަށް ނޮޓިފިކޭޝަން ސިސްޓަމްއެއް ތަޢާރަފްކުރުން ފަދަ ކަންތައް މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭކަމަށް ރަޖިސްޓްރަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ވިޔަފާރިތަކަށް ނަން ކިޔުމުގެ މައްސަލަތައް ހައްލުކުރުމަށް ހުށަހަޅާ އިސްލާހެއް. އެންމެ ފަހުން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު އެކުލަވާލިއިރު ނަން ކިޔުމުގައި އަމަލުކުރާ އިޖުރާޢަތް އޮތީ ތަންކޮޅެއް ބޮޑަށް ހުޅުވާލެވިފައި. ނަތީޖާއެއްގެ ގޮތުން ގިނަ ނަންތަކެއް ކިޔުމުގެ ފުރުސަތު އެކި ފަރާތްތަކަށް ލިބޭތީ އޮޅުންއަރާ ކަހަލަ ގޮތްތަކަކަށް ނަން އެބަކިޔޭ. އެހެންކަމުން ނަންކިޔުމުގެ އިޖުރާޢަތާއިއެކު ކުންފުނިތަކުގެ މަޢުލޫމާތު ލިބޭ ނޮޓިފިކޭޝަން ސިސްޓަމް ފަދަ ފަސޭހަ ގޮތްތަކެއް އެކުލެވޭ އިސްލާހެއް ހުށަހެޅުމަށް ނިންމާފައިވަނީ." ރެޖިސްޓްރަރ ވިސާމް ވިދާޅުވިއެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނަށް 2014 ވަނަ އަހަރު އަމަލުކުރަން ފެށިއިރު މި ޤާނޫނުގެ ދަށުން އަމިއްލަ ވިޔަފާރި، ޕާޓްނަޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ހިންގާނަމަ މިނިސްޓްރީގެ ދަށުން ރަޖިސްޓަރ ކުރުން ލާޒިމްކުރެއެވެ.

ކުންފުނިތައް ރަޖިސްޓަރކުރުމާއިބެހޭ މި ޤާނޫނަށް އިސްލާހު ގެނައުމަށް މިނިސްޓްރީން ނިންމާފައިވާއިރު އެމިނިސްޓްރީގެ އުއްމީދަކީ ދެފުށްފެންނަ ނިޒާމަކަށް މިކަން ބަދަލުވެގެންދިއުންކަމަށް މިނިސްޓްރީން ހާމަކުރެއެވެ.