ވިޔަފާރި

މުޢާމަލާތް ނުކުރެވޭ ކުންފުނިތަކެއް ހުރުމަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ބުރޫއަރާކަމެއް


މުޢާމަލާތް ނުކުރެވޭ ގިނަ ކުންފުނިތަކެއް ހުރުމަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ބުރޫއަރާކަމެއްކަމަށް ރަޖިސްޓްރަރ އޮފް ކޮމްޕެނީސް މަރްޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރްޔަމް ވިސާމް ވިދާޅުވީ ރާއްޖޭގައި އުފައްދާފައިވާ ދުވަސްވީ އަދި މުޢާމަލާތް ނުކުރެވޭ ކުންފުނިތައް އުވާލުމަށް މީގެ ކުރިން ހަރުދަނާ ނިޒާމެއް އެކުލެވިފައި ނުވާކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރުވެސް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ އަދަދު ސާދަ ހާހަށް އަރާކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ މީގެ ސަބަބުން ކުންފުނިތަކުގެ ދަފްތަރުގެ ހަޤީޤަތް އޮޅި ސިޔާސަތުތައް އެކުލަވާލުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.

އެހެންނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މިނިސްޓްރީން ކުންފުނިތަކާއި ބެހޭ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެ މިދިޔަ ހަފްތާގައި ކުންފުނިތައް އުވާލުމުގައި އަމަލުކުރާނެގޮތުގެ ޤަވާއިދު އެކުލަވާލުމާއެކު ކުންފުނިތަކަށް ދިމާވެފައިވާ މި މައްސަލަ ހައްލުވެގެންދާނެކަމަށް ރަޖިސްޓްރަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަފްތަރަށް ބަލާލާއިރު މިހާރުވެސް އެބަހުރި 14-ހާހާއި ގާތްކުރާ އަދަދަށް ރަޖިސްޓަރކޮށްފައި ހުރި ކުންފުނިތައް. ކުންފުނިތަކަކީ އަނެއްހެން އިޤްތިސާދާއި ގުޅުންހުރި ކަންކަމަށް ބަލާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ވެސް އިންޑިކޭޓާސްގެ ގޮތުގައި ބަލާ އެއްޗެއް ރާއްޖޭގައި ހަރާކާތްތެރިވާ ކުންފުނިތަކާއި އެކުންފުނިތައް ހަރަކާތްތެރިވާ ސިނާޢަތްތަކަކީ ކޮބައިތޯ ބެލުމަށް. އެހެންކަމުން ދަފްތަރުގައި އެހާ ބައިވަރު މުޢާމަލާތެއް ނުކުރެވޭ ކުންފުނިތަކެއް ހުރުމަކީ މި ދެންނެވި މަޢުލޫމާތު ހިއްސާކުރާއިރު އަދި ސިޔާސާތުތައް ކަނޑައަޅާއިރު އެކަންތައްތަކަށް ބުރޫއަރާކަމެއް. އަޅުގަނޑުމެންގެ އުއްމީދަކީ ބަރޯސާކުރެވޭ ދަފްތަރެއް މިނިސްޓްރީގައި ޤާއިމްވެފައިވުން" ރެޖިސްޓްރަރ މަރިޔަމް ވިސާމް ވިދާޅުވިއެވެ.

ކުންފުނިތައް އުވާލުމާއިބެހޭ ޤަވާއިދު ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ 523 ކުންފުންޏެއް އުވާލުމަށް ނިންމާ މިކަން އިޢުލާންކޮށްފައެވެ. މި ކުންފުނިތަކުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތަކާއި އަހަރީ ރިޕޯޓު ނުދައްކާ ކުންފުނިތައް އަދި ދެއަހަރުގެ މުއްދަތަކަށް އެއްވެސް ވިޔަފާރިއެއް ނުކުރާ ކުންފުނިތައް ހިމެނެއެވެ.

ވިސާމް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން އުވާލުމަށް އިޢުލާންކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ކުންފުނިތަކާއި ބެހޭ ޤަވައިދުގެ ދަށުން އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ އިތުރުން އަމިއްލައަށް ކުންފުނި އުވާލުމަށް އެދިފައިވާ ކުންފުނިތައް ވެސް ހިމެނޭކަމަށެވެ.

ވިސާމް ވިދާޅުވީ ކޮންމެ އަހަރަކު ސަތޭކައާ ގާތްކުރާ އަދަދަކަށް ކުންފުނި އުވާލުމަށް އެދުނު ނަމަވެސް އެކަށީގެންވާ ޤާނޫނުތައް ނެތުމާއި ގުޅިގެން ކުންފުނިތައް އުވާލުމަށް ދަތިތައް ކުރިމަތިވިކަމަށް ވިސާމް ފާހަގަކުރެއްވިއެވެ. ނަމަވެސް މުޢާމަލާތް ނުކުރާ ކުންފުނިތައް އުވާލުމަށް މިނިސްޓްރީން މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން ކުންފުނިތައް އުވާލުމަށް ކުރާ އިއުލާނުގެ މުއްދަތު ހަމަވާތާ 15 ދުވަސްތެރޭ ކުންފުނިތައް އުވާލެވޭނެކަމަށް ވިސާމް ވިދާޅުވިއެވެ.

"މި އިޢުލާނަކީ ފެށުމެއް. އަޅުގަނޑުމެން އަންދާޒާ ކުރަނީ ކޮންމެ ބެޗެއްގައި 500 ކުންފުނި އިއުލާންކުރުމަށް. އެގޮތަށް އިއުލާންކުރާ ކުންފުނިތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް ކުންފުންޏެއްކަމަށް ވާނަމަ އިއުލާނުގެ މުއްދަތު ހަމަވާތާ 15 ވަރަކަށް ދުވަސްތެރޭގައި ކުންފުނި އުވާލާފައި އެކަން އިޢުލާންކުރާނެ." ރެޖިސްޓްރަރ މަރިޔަމް ވިސާމް ވިދާޅުވިއެވެ.

523 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ފާއިތުވި 22 އަހަރުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތަކާއި، އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓް ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.