ތަރައްްޤީ

ކިންގް ސަލްމާން މިސްކިތުގެ ފަރުމާއަށް ގެނައި ބަދަލާއި އެކު އެއް ފަންގިފިލާ އުނިކޮށްފި


އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަސައްކަތް ކުރަމުންދާ ކިންގް ސަލްމާން މިސްކިތުގެ ފަރުމާއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އަރބަން ޑޮވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ ފަރުމާއަށް ގެނެސްފައިވާ ބަދަލާއި އެކު އެ މިސްކިތް އިމާރާތް ކުރަމުންދަނީ އެއް ފަންގިފިލާ އުނިކޮށްގެން ކަމަށެވެ. ސަޢުދީ ސަރުކާރުން ދިވެހި ރާއްޖެއަށް ހަދިޔާކުރި ކިންގ ސަލްމާން މިސްކިތް ނިންމައި ދިވެހި ސަރުކަރާއި ހަވާލުކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ފުރަމަ ތިން މަސް ދުވަހުގެތެރޭގައެވެ.

ނަމަވެސް މިހާތަނަށްވެސް މިސްކިތުގެ މަސައްކަތް ނުނިމި ލަސްވެފައިވާއިރު، މިސްކިތުގެ މަސައްކަތް ލަސްވެފައިވަނީ ސްކޯޕަށް ގެނައި ބައެއް ބަދަލުތަކާއި ގުޅިގެންކަމަށް މިިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ބުނެފައެވެ.

ފެންނަ ފެނުމަށް ތަފާތު ސްޓްރަކްޗަރއަކަށް ހަދާފައިވާ މިސްކިތުގެ އެކި ފަންގިފިލާތައް ހިމެނޭހެން 9000އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހުންނާނެއެވެ. މިސްކިތުގެ ސްޓްރަކްޗަރއަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުންގޮތުން ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެފައިވަނީ މިސްކިތުގެ އެއް ފަންގިފިލާ ޕްލޭނުން އުނިކޮފައި ވާކަަށެފައިވާކަމަށެވެ.

މިސްކިތް ހަދަން ނިންމީ 6 ފަންގިފިލާއަށެވެ. ނަމަވެސް އެ ބަދަލާއިއެކު މިސްކިތް މިހާރު ހަދަނީ 5 ފަންގިފިލާއަށެވެ. ޕްލޭނަށް ގެނައި ބަދަލާއިއެކު މިސްކިތުގެ އުސްމިން ތިރިވި ނަމަވެސް، މިސްކިތުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެއްވެސް ޚިދުމަތެއް އުނިކޮށްފައެއް ނުވެއެވެ.

މީގެއިތުރުން އެމްއޭސީއެލްގެ ގަވާއިދަށް ފެއްތުމުގެ ގޮތުން މިސްކިތުގެ 5 މުންނާރުގެ އުސްމިންވެސްވަނީ ތިރިކޮށްފައެވެ. އަދި އެންމެ ފަހުން ސްކޯޕަށް ގެނައި ބަދަލުގައި މަލްޓި ޕަރޕަސް ހޯލެއް އެޅުމަށްވެސް ވަނީ ހިމަނާފައެވެ.

މިސްކިތުގެ ކުރެހުންތަކާއި، މިސްކިތް ފެންނަ ފެނުމަށް ތަފާތުކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން މިނިސްޓްރީން ވިދާޅުވެފައިވަނީ ޢާއްމުކުރި ކުރެހުންތަކަކީ އިމާރާތުގެ ޑީޓެއިލް އަދި ޓެކްނިކަލް ކުރެހުންތަކާއި، ޕްލޭންތައް އެކުލަވާލުމުގެ ކުރިން ތަސައްވުރެއްގެ މައްޗައް ތައްޔާރުކޮށްފައިވާ ކުރެހުމެއްކަމަށެވެ.

ކިންގ ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާގައި 2120މީހުންނަށް ނަމާދު ކުރެވޭއިރު ދެވަނަ ފަންގިފިލާގައި 1823މީހުން އަދި ގްރައުންޑް ފްލޯގައި ބޭނުންވެއްޖެ ހާލަތެއްގައި 4800 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހުންނާނެއެވެ. މިސްކިތުގައި ހިިމެނޭ އެހެން ކަންކަމުގެ ތެރޭގައި އަންހެން އަދި ފިރިހެން ފާހަނައަކާއި ވުޟޫކުރުމުގެ އިންތިޒާމާއި، އިސްލާމިކް ލައިބްރަރީއަކާއި، ސެމިނާ ރޫމާއި، މަލްޓި ޕަރޕަސް ހޯލަކާއި 320 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމަކާއި، ކްލާސްރޫމްތައްވެސް ހިމެނެއެވެ. އަދި މިސްކިތަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބޭ ތަންތައްވެސް ހިމެނެއެވެ.

މިސްކިތް ތަރައްޤީކުރަނީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނާއި، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. މި މަސައްކަތް ކުރުމަށް ސައުދީ ސަރުކާރުން މިހާތަނަށް ލިބިފައިވަނީ 8މިލިއަން ޑޮލަރުކަމަށް ފިނޭންސް މިނިސްޓަރ މީގެކުރިންވަނީ ވިދާޅުވެފައެވެ. މި ޕްރޮޖެކްޓްގެ އަގު ގާތްގަނޑަކަށް 22މިލިއަން ޑޮލަރަށް އަރައެވެ.

މި މަސައްކަތް ކުރާ ކުންފުންޏަށް މިހާތަނަށް 11.4މިލިއަން ޑޮލަރު ދައްކާފައިވާކަމަށް ޕްލޭނިންގ މިނިސްޓްރިއިންވަނީ ވިދާޅުވެއެވެ.