ސިއްހަތު

ކަނޑިތީމް ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް


ށ.ކަނޑިތީމް ޞިއްޙީ މަރުކަޒު ސައުވީސް ގަޑިއިރުގެ ޚިދުމަތްދޭ ޞިއްޙީ މަރުކަޒަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ކަނޑިތީމް ކައުންސިލާއި، އެރަށު ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ކަނޑިތީމް ކައުންސިލާއި، އެރަށު ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއެކު ކުރިއަށްގެންދިޔަ ބައްދަލްވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ، ސަރުކާރުން ށ.ކަނޑިތީމް ސިއްހީ މަރުކަޒު ސައުވީސް ގަޑިއިރުގެ ޚިދުމަތްދޭ ސިއްހީ މަރުކަޒަކަށް ބަދަލުކުރުމަށް ނިންމާފައިވަނީ ރައްޔިތުންގެ އަޑު އެހުމަށްފަހު، މި ކަމަކީ ށ އަތޮޅުގެ އުތުރުބިތުގެ ރަށްތަކުގެ ތަރައްގީއަށް ކޮށޭ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުމުން ކަމަށެވެ. މި ކަމުގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ރަށުގެ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރގެ ވާހަކަފުޅުގައި ރަށްރަށުގެ ސިއްހީ ޙިދުމަތުގެ ފެންވަރު ރަގަޅުކޮށް، ތަރައްގީ ގެނައުމަށް ކައުންސިލްތަކުގެ ދައުރާ ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އަދި ކޮންމެ ފަދަ ސިޔާސީ ފިކުރެއްގައި އޮތް ނަމަވެސް ކައުންސިލްތަކުންވެސް ސިއްހީ ދައިރާގެ ތަރައްގީއަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރު ށ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އަތޮޅުގެ ސިއްހީ ހާލަތު ދެނެގަނެ، އެތަންތަނުގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއު ތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.