ކުޅިވަރު

ފެއިލްވެފަ ތިބި ބަޔަކު ބުނާގޮތް ހެދުން މިއީ ހެދުނު އެންމެ ބޮޑު ގޯސް - ލަތީފް


ކުރިން ފެއިލް ވެފައިތިބި ބަޔަކު އެސޯސިއޭޝަންގެ ހިންގުމުގެ ތެރެއަށް ގެނެވުމަކީ ހެދުނު އެންމެ ބޮޑު އެއް ގޯސްކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރަޢީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މުހައްމަދު ލަތީފް ވީއޭއެމްގެ ރައީސްގެ މަގާމްއަށް ހޮވިފައިވަނީ 2016 ވަނަ އަހަރުއެވެ. އެއަހަރު ފުރަތަމަ ބޭއްވުނު އިންތިހާބް މުހައްމަދު ރިޔާޒް ކާމިޔާބުކުރި ނަމަވެސް، ފަހުން ހޯމް މިނިސްޓްރީންވަނީ އެއިންތިޙާބް ބާތިލްކޮށް އަލުން އިންތިޙާބްއެއް ބާއްވާފައެވެ. އެއިންތިޙާބްގައި މުހައްމަދު ރިޔާޒް ވާދައެއް ނުކުރެއެވެ. ވީއޭއެމްގެ ރައީސްކަމަށް މުހައްމަދު ލަތީފް ހޮވުމާއިއެކު، ކުރިން މުހައްމަދު ރިޔާޒުގެ ފަހަތުގައި ތިބި ގިނަ ބަޔަކު މުހައްމަދު ލަތީފްގެ ވެރިކަމަށް ދާޢީދުކޮށް، ލަތީފްގެ ފަހަތުގައި މަސައްކަތް ކުރަމުންދިޔައެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި މީޑިޔާގައިވެސް ރިޔާޒްއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔައެވެ.

މުހައްމަދު ލަތީފުގެ ދައުރު ފެނިގެންދިޔައީ ވޮލީގެ ވަރަށް ގިނަ ބަޔަކަށް ފުރުސަތުދިން މަންޒަރުއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ، ބައެއް ފަރާތްތަކުންވަނީ އެސޯސިއޭޝަނާއި ފެޔަށްޖެހި މުހައްމަދު ލަތީފަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޕީއެސްއެމް ސްޕޯޓްސް އިން ވޮލީއަށް ހާއްސަ ކޮށްގެން ގެނެސްދޭ ޓައިމް އައުޓް ޕްރޮގްރާމްގައި ވާހަކަދައްކަމުން ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މަސައްކަތްކުރީ ވޮލީގެ ގިނަ ބަޔަކު ގޮވައިގެން އެކުގައި މަސައްކަތް ކުރުމަށްކަމަށެވެ. ނަމަވެސް ގިނަ ފަރާތްތަކުން ބޭނުންވީ މަސައްކަތް ކުރުމުގެ ބަދަލުގައި މާގާމްގެ ދަހިވެތި ކަމުގައިކަމަށް ލަތީފް ތުހުމަތުކުރެއްވިއެވެ. އަދި އެސޯސިއޭޝަން ހިންގުމުގައި އެންމެ ބޮޑު ދަތިތަކެއް ދިމާވީ ތަނުގެ ތެރޭގައި ފިތުނަ އުފެއްދުމަށް ބަޔަކު މަސައްކަތްކުރުމުންކަމަށްވެސް ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.

"އެއްވެސް ބަޔަކު މަސައްކަތް ކުރާކަށް ބޭނުމެއް ނުވޭ، ގިނަ ބަޔަކު ބޭނުންވީ މަގާމްތަކަށް އަންނަން. އަޅުގަނޑު މަސައްކަތް ކުރީ ހުރިހާ އެންމެ ގޮވައިގެން މަސައްކަތް ކުރެވޭތޯ، ނަމަވެސް އެކަން ހާސިލް ވާގޮތެއް ނުވި. އަމިއްލަ ފައިދާއަށް ގިނަ މީހުން ކަންތައްތައް ކުރަން އަސްލު ބޭނުންވީ. ފެއިލް ވެފަ ތިބި ބަޔަކު އަސްލުގައި ގެނައުމަކީ ކުރެވުނު އެންމެ ބޯޑު ގޯސް. މިކަން އެގުނު އިރު ވަނީ ވަގުތު ފާއިތުވެފަ." ލަތީފް ބުންޏެވެ.

މުހައްމަދު ލަތީފްގެ ދައުރުގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމްވަނީ ސެންޓްރަލް މެންސް ވޮލީ މުބާރާތުގައި ތިންވަނަ ހޯދާފައެވެ.