ކުޅިވަރު

އޭއެފްސީ ޕްރޯ ލައިސަންސް ކޯހުގައި ބައިވެރިވުމަށް މޯހަން ޖަޕާނަށް


ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އޭއެފްސީ ޕްރޯ ލައިސަންސް ނެގުމަށް ޖަޕާނަށް ހިނގައްޖެ އެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޯ ލައިސަންސް ކޯޗިން ކޯހުގެ ފުރަތަމަ ބައި މޯހަން ފުރިހަމަކުރީ މިދިޔަ ފެބްރުއަރީ މަހުގައި ތައިލެންޑުގަ އެވެ. ދެ ވަނަ ބައި ފުރިހަމަކުރަން ޖަޕާނަށް ދިޔައީ ލީގުގައި ޓީސީ އާއި އީގަލްސް މިދިޔަ ބުރާސްފަތި ދުވަހު 1-1 އިން އެއްވަރުވި މެޗަށް ފަހު އެވެ.

މޯހަން ތިން ހަފްތާގެ މުއްދަތަކަށް ޤައުމުން ބޭރަށް ދިއުމުގެ ސަބަބުން ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އީގަލްސްއަށް އިރުޝާދު ދެނީ އަހުމަދު ނިމާދު (ނިމާ) އެވެ. ޕްރިމިއަރ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އީގަލްސްގެ މެނޭޖަރ މުހައްމަދު އިނާން އަލީ ބުނީ، މިވަގުތު ޓީމުގެ ޓްރެއިނިންތައް ކުރިޔަށްގެންދަނީ އެސިސްޓެންޓް ކޯޗުންގެ ބެލުމުގެ ދަށުން ކަމަށާއި، ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ޤައުމުގައި ނެތަސް ހުރިހާ ވަގުތެއްގައިވެސް ކޯޗުގެ އެހީތެރިކަން ލިބެމުން އަންނަކަމަށެވެ.

އީގަލްސްގެ މެނޭޖަރ އިނާން ބުނީ މިރޭގެ މެޗަށް ނުކުންނައިރު ރަނގަޅުކުރަންޖެހޭ ކަންތައްތައް އެބަހުރިކަމަށާއި، ކްލަބް ގްރީން ސްޓްރީޓްސް ފަދަ މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމަކާއި ދެކޮޅަށް ކުޅެންޖެހޭ މެޗު ފަސޭހަ ނުވާނެކަމަށެވެ.

"މިރޭގެ މެޗައް ނުކުންނަ އިރު ރަނގަޅުކުރަންޖެހޭ ކަންތައްތައް އެބަހުރި. ފުރަތަމަ މެޗުގައިވެސް އެންމެ ފަހު ވަގުތު ލަނޑެއް ވަދެގެން ތިން ޕޮއިންޓް ގެއްލިގެން ދިޔައީ. އެސިސްޓަންޓް ކޯޗުންގެ އިރުޝާދުގެ ދަށުން ޓީމު ޓްރެއިނިންތައް ކުރިޔަށްގެންދާނެ. ދެން މިރޭގެ މެޗު ފަސޭހައެއް ނުވާނެ ހަމަގައިމުވެސް ގްރީން ސްޓްރީޓްސްގައި މިތިބީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން." އިނާން ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އެ މެޗު ނިމުނީ ފަހުވަގުތު ޓީސީން ޖެހި ލަނޑާއެކު އެކެއް އެކަކުން ދެޓީމުވެސް އެއްވަރުވެގެން ނެވެ. ލީގުގައި ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.