ޚަބަރު

ތިނަދޫކޯޓް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް ފޮނުވައިފި


ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މީ ސްލޫކީ މައްސަލައެއްގައި ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ފުރަތަމަ ފަހަރެވެ.
ޖޭއެސްސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖީލީހަށް ހުށައަޅާފައިވާކަމަށެވެ.

2016 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިބްރާހީމް ރަޝީދު މިހާތަނަށް ހުންނެވީވެސް ސަސްޕެންޑްކޮށްފައެވެ. އިބްރާހީމް ރަޝީދު ވަނީ ހަމަ އެ ަހަރުގެ މާރޗް މަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް މިހާތަނަށް ދޫކޮށްފައިހުރީ ހައިކޯޓުގެ ޢަމުރެއެްގެ ދަށުންނެވެ.

ފަނޑިޔާރުންނާއި ގުޅޭ މައްސަލަތައް ބެލުމަށް ޤާނޫނު އަސާސީން މަތިކޮށްފައިވަނީ ޖޭއެސްސީއަށެވެ. ޢެހެންނަމަވެސް ފަނޑިޔާރުން ވަކިކުރަން ހުށައަޅަންޖެހޭނީ މަޖިލީހަށެވެ. މަޖިލީހުން އެ ފަނޑިޔާރަކު ވަކިކުރެވޭނީ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިންބައި ކުޅަ ދެބައިގެ ވޯޓް ލިބިގެންނެވެ.