ވިޔަފާރި

ބަޖެޓް ސަޕޯޓަށް ސައުދީން ދޭންބުނި 20 މިލިއަންޑޮލަރު ލިބިއްޖެ


ސައުދީ ސަރުކާރުން ރާއްޖެއަށް ދިނުމަށް ނިންމި 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިވެހި ސަރުކާރާއި
ހަވާލުކޮށްފިކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމާއި ވާހަކަފުޅު
ދައްކަވަމުންނެވެ.



ސައުދީ ސަރުކާރުން ރާއްޖެއަށް ދިން 20 މިލިއަން ޑޮލަރުގެ ހިލޭއެހީއަކީ ބަޖެޓް
ސަޕޯޓްގެ ގޮތުގައި ދީފައިވާ އެހީއެކެވެ.



މިނިސްޓަރ ޝައިނީ ވިދާޅުވީ، ރައީސް ޔާމީން ސައުދީއަށް ކުރެއްވި ދަތުރުފުޅުގެ
ނަތީޖާ ހާސިލްވާން ފަށާފައިވާކަމަށާއި، ސައުދީ ސަރުކާރުން އެއީ ދީފައިވަނީ ނިމުނު
ހަފްތާގެ ފަހުކޮޅުކަމަށެވެ. 



މިނިސްޓަރ ޝައިނީ ވިދާޅުވީ، މިމަހުގެ ތެރޭގައި ދުބާއީއަށް އެމަނިކުފާނު
ކުރެއްވި ދަތުރުފުޅުގައި ސައުދީ ސަރުކާރުގެ ވަފްދަކާ ބައްދަލްކުރައްވާފައިވާ
ކަމަށާއި، އަދި ނިމުނު ހަފްތާގެ ތެރޭގައިވެސް ސައުދީގެ ދެ ވަފްދަކާއި މާލޭގައި ބައްދަލުކުރައްވައި،
ސައުދީ ފަންޑުން ރާއްޖެއަށް ލޯން ދޫކުރުމާއި، ރާއްޖޭގައި ކުރިއަށްގެންދާ ބޮޑެތި
ޕްރޮޖެކްޓް ތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.



މިމަޝްވަރާތަކަކީ ރައީސް އަބްދުﷲ ޔާމީން މާރޗްމަހު ސައޫދީ އަރަބިއްޔާއަށް
ކުރެއްވި ދަތުރުފުޅުގައި ސައޫދީ ރަސްގެފާނާއި ބައްދަލުކުރައްވައި ހިގައިދިޔަ
ރަސްމީ މަޝްވަރާތަކުގެ ނަތީޖާ ކަމަށް ސަރުކާރުން ދެކެއެވެ.  



އެދަތުރުފުޅުގައި ސައުދީ ސަރުކާރުންވަނީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް
އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ލޯން ވަރަށް ކުޑަ އިންޓަރެސްޓަކާއި އެކު
ސައުދީ ފަންޑުން ހަމަޖައްސައިދޭނެކަމަށް ބުނެފައިވެއެވެ. ސައުދީން ރާއްޖޭގައި
އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އޭގެ ތެރޭގައި، ހުޅުމާލެ
ދެވަނަ ފިޔަވަހީގެ ބައެއް މަސައްކަތްތަކާއި، އެއަރޕޯޓްގެ ބައެއް މަސައްކަތްތައް
ހިމެނެއެވެ.