ޚަބަރު

ބަލައި ފާސްކުރި ޔުނިޓުން، ހަމަލާދިނުމަށް ބޭނުންކުރެވިދާނެ ތަކެތި ފެނުނު- ކަރެކްޝަނަލް ސަރވިސަސް


މާފުށީ ޖަލުގެ ޔުނިޓުތައް ބަލައި ފާސްކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި، ހަމަލާދޭން ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވާކަމަށް ކަރެކްޝަނަލް ސަރވިސަސް އިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ހޯމް މިނިސްޓްރީއާއި، ކަރެކްޝަނަލް ސަރވިސްއާއި ފުލުުހުން ގުޅިގެންވަނީ ޖަލުގެ ރިމާންޑް މީހުން ބައިތިއްބާ ޔުނިޓް ބަލާ ފާސްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ކަރެކްޝަނަލް ސަރވިސަސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޮޅިތައް ބަލާ ފާސްކުރުމުގައި، ހަމާލާ ދިނުމަށް ބޭނުންކުރާ ޒާތުގެ ތަކެއްޗާއި، މޮބައިލް ފޯނާއި، ޖަލެއްގައި ހުރެގެން ނުވާނެފަދަ ތަކެތި ފެނިފައިވާކަމަށެވެ. އަދި މި ތަކެތި މިހާރު ހުރީ ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިިއަދު މެންދުރު 3:30އިން ފެށިގެން 06:30އާއި ހަމައަށެެވެ.

އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ހާޒިރުގައި ފުރިހަމައަށް ވީޑިއޯއާއި އޯޑިއޯ ރިކޯޑް ކޮށްގެންނެވެ.
ގޮޅިތައް ބަލައި ފާސްކޮށްފައިވަނީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ އިރުޝާދާ އެއްގޮތަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި، އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ ހާޒިރުގައެވެ. އަދި މި އޮޕަރޭޝަން މޮނިޓަރކޮށް ބެލުމުގެ ފުރުޞަތު ހިއުމަންރައިޓްސް ކޮމިޝަނަށްވެސް ދީފައިވެއެވެ.

މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައިތިބި ގައިދީންނާއި، ޖަލު ބަލަހައްޓާ އޮފިސަރުންނާއި ދެމެދު ހިންގި ހަމަނުޖެހުންތަކަކަށްފަހުއެވެ. ކަރެކްޝަނަލް ސަރވިސަސްއިން ބުނެފައިވަނީ ރިމާންޑް މީހުން ބައިތިއްބާ ޖަލުގައި ހުރި ސީސީޓީވީ ކެމެރާތައްވެސް ހަލާކުކޮށްލާފައިވާކަމަށެވެ.

މިދިޔަ ބުރާސްފައި ދުވަހު ގައިދީންނާއި، ޖަލު ބަލަހައްޓާ އޮފިސަރުންނާއި ދެމެދު ހިންގި ހަމަނުޖެހުމުގައި 6 ގައިދީއަކަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އަދި މިކަމުގައި ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން ޖަލު ބަލަހައްޓާ މީހުން ބޭނުންކޮށްފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ވިދާޅުވެފައިއެވެ. އަދި މިކަން އިތުރަށް ބަލައި، ތަޙްގީޤް ނިމުމުން މިކަމުގައި ޝާމިލްވާ މީހުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރވަނީ ވިދާޅުވެފައެވެ.