ޚަބަރު

ތެލެސީމިއާ ކޮންމެ ކުއްޖަކަށް މަހަކު 12 ހާސް ރުފިޔާ ދަޢުލަތުން ހޭދަކުރޭ


ތެލަސީމިއާ ބަލި ހުންނަ ކޮންމެ ކުއްޖަކަށް ދައުލަތުގެ ބަޖެޓުން މަހަކު 12000 އަށްވުރެ ގިނަ ރުފިޔާ ހޭދަކުރާކަމަށް މޯލްޑިވިއަން ބުލަޑް ސަރވިސަސްއިން ބުނެފިއެވެ.

ބައިނަލްއަޤްވާމީ ތެލަސީމީއާ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މަޢުލޫމާތުދެއްވަމުން، މޯލްޑިވިއަން ބުލަޑް ސަރވިސަސްގެ ޑިރެކްޓަރު ނަޔާޒު އަޙްމަދު ވިދާޅުވީ ތެލެސީމިއާ ހުންނަ ކުދިންނަށް ތަފާތުކުރުމެއް ނެތި ރަނގަޅު ފަރުވާދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން މާލޭގައި އުޅޭ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަތޮޅުތެރެއިން ލިބޭނެ ގޮތް ހެދުމަށް މި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ނަޔާޒު ވިދާޅުވިއެވެ.

ނަޔާޒު ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނަށް އެކުދިން އުޅޭ ރަށުން އެ ފަރުވާ ނުލިބޭނެނަމަ، ދަތުރު ހަރަދުދީގެން، ފަރުވާ ލިބެން ހުރި ރަށްރަށަށް ފޮނުވައިގެންވެސް ފަރުވާދެމުންދާ ކަމަށެވެ. އެކަންކަމަށް ބޮޑެތި ޚަރަދުތައް ދާއިރު، އެވްރެޖްކޮށް މަހެއްގެ މައްޗަށް ކޮންމެ ތެލަސީމިއާ ކުއްޖަކަށް މަހަކު ބާރަ ހާހަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޔާޒު ވިދާޅުވީ 2017 ވަނަ އަހަރު 11 ކުދިން މަރުކަޒުގައި ރަޖިސްޓްރީކުރެވިފައިވާއިރު މިދިޔަ އަހަރު އެ އަދަދު 19 އަށް އަރާފައިވާކަމަށެވެ. ވޭތުވެދިޔަ ދެ ތިން އަހަރު އެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށްފަހު މިދިޔަ އަހަރުު އެއަދަދު މައްޗަށް ދިއުމަކީ ކަންބޮޑުވާކަމެއްކަމަށް ނަޔާޒު ވިދާޅުވިއެވެ.

ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމުގައި ހުރި ދަތުތައް ފާހަގަކުރައްވަމުން ނަޔާޒް ވިދާޅުވީ ޝަރުތުތައް ހަމަވަންޏާ އަހަރަކު 4 ފަހަރު ކޮންމެ މީހަކަށްވެސް ލޭ ދެވޭނެ ކަމަށެވެ. އަދި ވަކި ކުއްޖަކަށް ބެލުމެއް ނެތި ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.