ޚަބަރު

އައްޑޫ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއަައި މެޝިން މިއަދު އައްޑޫއަށް


އައްޑޫސިޓީ އަޅަމުންދާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިން ޗާޓަރ ފްލައިޓެއްގައި މިއަދު އައްޑޫއަށް ގެންނާނެއެވެ.

ދުނިޔޭގަ ވައިގެ މަގުން މުދާ އުފުލާ އެންމެ ބޮޑު އެއް ބޯޓު ކަމަށްވާ އެންޓޮނޯވް އޭ.އެން 124 މަރުކާގެ ފްލައިޓް ގަމުގެ ވައިގެ ބަނދަރުގައި ޖެއްސުމަށް ހަމަޖެހިފައި ވަނީ، މިއަދު މެންދުރު ފަހު 16:00 އެހާކަންހާއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ގަމުގެ ވައިގެ ބަނދަރުގައި ޖައްސާނެ އެންމެ ބޮޑު މުދާ އުފުލާ ބޯޓެވެ.

އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. ދާދި ފަހުން ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ހޮސްޕިޓަލް ހުޅުވުމުގައި ލަސްވީ އޭސީސީން ހޮސްޕިޓަލާާއި ގުޅޭ މައްސަލައެއް ބަލަމުން ދިއުމާ ގުޅިގެން ކަމަށެވެ.

ހޮސްޕިޓަލްގައި މިހާރު ކުރަމުންދަނީ މެޝިނަރީސް އިންސްޓޯލް ކޮށް ނިންމުމުގެ މަސައްކަތް ކަމަށް ހެލްތު މިނިސްޓްރީން ވިދަޅުވެއެވެ. އަދި މިހޮސްޕިޓަލް އޮގަސްޓް މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.